މުނިފޫހިފިލުވުން

ތަނޫޝްރީ އާ ބެހެން އުޅުނު ކަމުގެ ތުހުމަތު ނާނާ ޕަޓޭކަރަށް

ލަވައެއް ޝޫޓް ކުރަން އުޅުމުގެ ތެރޭގައި ތަނޫޝްރީ ޑައްތާ އާ ބެހެން އުޅުނު ކަމުގެ ތުހުމަތު އޭނާ ނާނާ ޕަޓޭކަރުގެ މައްޗަށް ކޮށްފައެވެ. މި ތުހުތަމު ޕްރޮޑިއުސަރު ސަމީ ސިއްދީގީ އާއި ރަކޭޝް ސަރަންގ އަދި ކޮރިއޯގްރަފަރ ގަނޭޝް އަޗަރްޔާ ގެ މައްޗަށްވެސް ތަނޫޝްރީ ވަނީ ކޮށްފަ އެވެެ.

ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ތަނޫޝްރީ ބުނިގޮތުގައި 2008 ވަނަ އަހަރު ފިލްމް "ހޯރން އޯކޭ ޕްލީސް" ގައި ހިނގި މި ހާދިސާގައި ނާނާ ޕަޓޭކަރު ވަނީ ފިލްމްގެ ކޮންޓްރެކްޓްގައި ނުހިމެނޭ "އިންޓިމޭޓް" ލަވައެއް އޭނާ ލައްވައި ކުޅުވަން މަސައްކަތް ކޮށްފައެވެ. އަދި ގަދަކަމުން އޭނާ ލައްވައި ލަވައިގެ ބައިތައް ކުޅެން ސްޓެޕްސްތައްވެސް ކުޅުވަން މަސައްކަތް ކުރިކަމަށް ވަނީ ބުނެފައެވެ. ތަނޫޝްރީ ބުނިގޮތުގައި މިކަމުގައި ފިލްމް ގެ މުޅި ކްރޫ ބައިވެރިވެ އެވެ.

މި ކަމާ ގުޅިގެން ނާނާ ޕަޓޭކަރު ވަނީ 200 މީހުން ތިބި ސެޓެއްގައި އޭނާ ތަނޫޝްރީ އާ ބެހޭނީ ކިހިނެއްކަން ބުނެދޭން އެދިފަ އެވެ. އަދި ގާނޫނީ ގޮތުން މި މައްސަލަ ކުރިއަށް ގެންދިޔުމުގެ މަސައްކަތް ނާނާ ޕަޓޭކަރު މިހާރު ވަނީ ފަށައިފަ އެވެ.

ނާނާ ޕަޓޭކަރުގެ ގާނޫނީ ވަކީލު ރަޖެންދްރާ ޝިކޮޑްކަރ ބުނިގޮތުގައި ތަނޫޝްރީ ކުރި ދޮގު ތުހުމަތަށް މާފަށް އެދުމަށް އޭނާއަށް ވަނީ ނޯޓިސް ފޮނުވާފަ އެވެ.

ތަނޫޝްރީ ވަނީ ޑިރެކްޓަރ ވިވެކް އަގްނިހޯޓްރީ އަށްވެސް ތުހުމަތު ކޮށްފައެވެ. ފިލްމް "ޗޮކޮލެޓް: ޑިޕް ޑަރކް ސީކްރެކްޓްސް" ގައި ހެދުން ބޭލުމަށްފަހު އިރްފާން ޚާން ކުރިމަތީ ނެށުމަށް ތަނޫޝްރީ ގާތުގައި ޑިރެކްޓަރ އެދުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެވަގުތު އިމްރާން އާއި ސުނިލް ޝެޓީ ވަނީ އޭނާ ދިފާއުކޮށްފައި ކަމަށްވެސް ތަނޫޝްރީ ވަނީ ފާހަގަ ކޮށްފައެވެ. 2005 ވަނަ އަހަރު ނުކުތް އެ ފިލްމްގައި އަނިލް ކަޕޫރ، ސުނިލް ޝެޓީ އިރްފާން ޚާން އަދި އިމްރާން ހަޝްމީ އުޅެއެވެ.