ޝަހީދާ އަބްދުﷲ ސައީދު
ޕީޕީއެމް އިން މިހާރު ވަކިވެއްޖެ ކަމަށާއި އަލަށް އުފެއްދުމަށް މަސައްކަތް ކުރާ މޯލްޑިވްސް ރިފޯމް ޕާޓީއާ ގުޅުމާއި މެދު ވިސްނަވާނެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ''ފަސްމަންޒަރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމު ވިދާޅުވީ ޕީޕީއެމުން މިހާރު ވަކިވެ ވަޑައިގެންފައިވާ ކަމަށާއި، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންވި ކާމިޔާބީއެއް ކަމަށެވެ.
އަދި އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު ދަންނަވަމުން ޑރ. ޝަހީމު ވިދާޅުވީ އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު، ޝައިހު މުހައްމަދު ދީދީ އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރާ ރިފޯމް ޕާޓީއާ ގުޅުމުގެ ދައުވަތު ދެއްވާފައިވާކަމަށެވެ.
އަދި ޕާޓީއާ ގުޅިވަޑައިގަތުމާ މެދު ވިސްނަވާކަން ފާހަގަކުރައްވަމުން، ޑރ. ޝަހީމު ވިދާޅުވީ އާ ޕާޓީއެއް އުފައްދަވަން މުހައްމަދު ދީދީ ފެއްޓެވި މަސައްކަތަކީ އިސްލާމީ އިސްލާހީ މަސައްކަތެއް ކަމަށެވެ.
ޝަހީމު ވިދާޅުވީ މުހައްމަދު ދީދީއާއެކު ހުރިހާ ހާލަތެއްގައި ވެސް ހުންނަވާނެ ކަމަށާއި ޝަހީމުގެ ހުރިހާ ހާލަތެއްގައި ވެސް މުހައްމަދު ދީދީ ހުންނެވީ އެކުގައި ކަމަށެވެ.
އެހެންކަމުން ދީދީއާ ދުރަށް ދާން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް ޑރ. ޝަހީމު ވިދާޅުވިއެވެ.