ޝަހީދާ އަބްދުﷲ ސައީދު
ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުއާ މެދު ސުޕްރީމް ކޯޓުން ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން މިދިޔަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ފަނޑިޔާރުންނާއި ކުރިމިނަލް ކޯޓާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ތަފްސީލު ސުޕްރީމް ކޯޓާ ހިއްސާކުރުމަށް އެކޯޓުން ދިން މުއްދަތުގައި އެމައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށެވެ.
އަދި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ސުޕްރީމް ކޯޓުން ހުޅުވާލި ނަމަވެސް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެމައުލުމާތު ހިއްސާކުރުމަށް އިންކާރުކޮށްފައިވާތީ ސުއޫދު ދެއްކެވި ވާހަކައަކީ އެއްވެސް އިޚުލާސްތެރިކަމެއް ނެތި ދެއްކެވި ވާހަކަތަކެއް ކަމަށް ގަބޫލުކުރައްވާކަމަށް މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ސުޕްރީމް ކޯޓަށް އެއްބާރުލުން ނުދިނުމުން އެވާހަކަތަކީ ރަގަޅު ހެކިތަކެއް ނެތި ކޯޓުތަކާ މެދު ރައްޔިތުންގެ އިތުބާރު ނަގާލުމަށް ދެއްކެވި ވާހަކަތަކެއް ކަމަށާއި، އެފަދަ މައްސަލަތައް ކޯޓުތަކާ ބެގޭ ގަވާއިދުގެ ދަށުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި ކޯޓުތަކާއި ފަނޑިޔާރުންގެ މައްސަލަތައް ބަލާނެ ނިޒާމެއް ކަނޑައަޅައި، އުސޫލުތަކެއް އެކަމަށް އޮތް އިރު އެފަދަ ވާހަކަތައް ކަމާބެހޭ ފަރާތްތަކާ ހިއްސާނުކޮށް ފަނޑިޔާރުންނާ ކޯޓުތަކާ މެދު އިތުބާރު ގެއްލޭ ގޮތައް ވާހަކަދެއްކުމަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.
ހުސްވި މަހުގެ 30 ވަނަ ދުވަހު، މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފަިއވަނީ ގޭންގްތަކާއި ފަނޑިޔާރުންނާއި ކޯޓުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ.
އަދި ފަނޑިޔާރުން އައްޔަން ކުރުމާއި މައްސަލަތައް ބެލުމުގައި ގޭންގުތަކުގެ ނުފޫޒު ވަރަށް ބޮޑު ކަމަށް ވެސް ސުއޫދު ވިދާޅުވެފައި ވެއެވެ.