ޖަލުގައި ބަންދުކޮށްފައިވާ ނިކަމެތި އާއިލާތަކުގެ ކުށްވެރިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަންވީ ސިޔާސީ ބޭފުޅުން ކުރި ޖިނާއީ ކުށްތަކުން އެބޭފުޅުން ސަލާމާތްކުރަން އެކަނި ނޫން ކަމަށާއި ކުށްވެރިންގެ ގޮތުގައި ވަރަށް ގިނަ ނިކަމެތިން ޖަލުތަކުގައި އެބަތިބި ކަމަށެވެ.
"ޖަލުތަކުގައި އެބަތިބި ކުށްވެރިންގެ ގޮތުގައި ވަރަށް ގިނަ ނިކަމެތިން. އާއިލާތަކުގެ އާމްދަނީ ހޯދަމުންދިޔަ ވަރަށް ގިނަ ބަޔަކު ކުށްކުރުމުގެ ސަބަބުން ޖަލަށްލާފަ އެބަތިބި،" ޑރ. ޚަލީލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށްބޮޑަށް އެދެން ޖަލުތަކުގައި ތިއްބެވި އެހެން ބޭފުޅުންގެ ހައްގުތައް ވެސް ހޯދައިދިނުމަށް މަސައްކަތްކުރައްވައި ކަފާލާތުގެ ދަށުން މި ހުރިހާ ބޭފުޅުން ދޫކޮށްލުމަށް މަސައްކަތް ކުރެއްވުން. އެއީ އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި އެބޭފުޅުންގެ އާއިލާތަކުން ވެސް މިކަން ބޭނުންވާނެ. އެބޭފުޅުންނަކީ ވެސް އާއިލާއާ އެކު ވަގުތު ހޭދަކުރައްވާ ބޭފުޅުންނަށްވުން އާއިލާތަކުން ވަރަށްބޮޑަށް ބޭނުންވާނެ ކަމެއް،"
އެހެންކަމުން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނިކަމެތި އާއިލާތަކަށް ނިސްބަތްވާ ކުށްވެރިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މަސައްކަތްކޮށްދެއްވުމަށް ޚަލީލް ގޮވާލެއްވިއެވެ.
އަޅުގަނޑުމެން ވަރަށްބޮޑަށް އެދެން ޖަލުތަކުގައި ތިއްބެވި އެހެން ބޭފުޅުންގެ ހައްގުތައް ވެސް ހޯދައިދިނުމަށް މަސައްކަތްކުރައްވައި ކަފާލާތުގެ ދަށުން މި ހުރިހާ ބޭފުޅުން ދޫކޮށްލުމަށް މަސައްކަތް ކުރެއްވުން،ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކުށްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވަނީ ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކީ ކަފާލާތުގެ ދަށުން ދޫކޮށް ނުލެވޭނެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ 63 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ތުހުމަތުގައި ބަންދުކުރެވިފައި ތިއްބެވި ބައެއް ކަމަށެވެ.
"މިއަދު ދޫކޮށްލެއްވި ތިން ބޭފުޅުންނަކީ ވެސް މިދެންނެވި ތުހުމަތުގައި ބަންދުކުރެވިފައި ތިބި ތިން މީހުން. މިއޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް މިކަންކޮށްފައި،" ނިހާން ވިދާޅުވިއެވެ.
ފިހާރައަކުން ލޯޝަންފުޅިއެއް ވަގަށް ނަގައިގެންނާއި ފިހާރައަކުން ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން ވެސް މީހުން ޖަލަށްލާފައި ތިބިކަން ފާހަގަކުރައްވައި އެމީހުންގެ ހައްގު ކޮބައިތޯ ނިހާން ސުވާލު އުފެއްދެވިއެވެ.
"މިއަށްވުރެ މާ ނިކަމެތި، މިއަށްވުރެ މާ އާދައިގެ، ވަރަށް ދެރަވަރުކޮށް ނިކަމެތި، ގަހަކުން ވެއްޓިފައި އޮންނަ ބަނބުކޭލެއް ވަގަށްނެގުމުގެ ސަބަބުން ހަމަ ހުކުމް ކުރެވިގެން ނުވަތަ ފިހާރައަކުން ލޯޝަންފުޅިއެއް ވަގަށް ނަގައިގެން، ފިހާރައަކުން ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން، ގެންދެވިފައި ތިބި މީހުން ޖަލުގަޔާއި ތަންތާގަ އެބަތިބި. ކޮބައިތޯ އެމީހުންގެ ހައްގު. ކާކުތޯ އެމީހުންގެ ވާހަކަ ދައްކަނީ. ކޮންތާކުން ކާކުތޯ ކަފާލާތުގެ ދަށުން ފައިސާ ފޮއްޗެއް ބަހައްޓައިދޭނީ،" ނިހާން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި މެމްބަރު ފާރިސް ކަފާލާތުގެ ދަށުން ދޫކޮށްލުމުން ސަރުކާރަށް ތާއީދު ކުރާ މީހުން އަންނަނީ ފާޑުކިޔަމުންނެވެ. އެ ފާޑުކިޔުންތަކުގެ ރައްދުގައި އެމްޑީޕީގެ ސަޕޯޓަރުން ބުނަމުން ގެންދަނީ އެބޭފުޅުން ދޫކޮށްލީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ވެރިކަމާ ހަވާލުވެވަޑައިނުގަންނަވާ ކަމަށެވެ.