ކުޅިވަރު

ފުރަބަންދާ އެކުވެސް ޕްރިމިއާ ލީގު ކުރިއަށް ގެންދާނެ

ކޮވިޑް 19ގެ ނުރައްކާތެރި ދެވަނަ ރާޅާއެކު އިނގިރޭސިވިލާތުގައި ހަތަރު ހަފްތާގެ ފުރަބަންދެއް އިއުލާން ކުރި ނަމަވެސް ޕްރިމިއާ ލީގުގެ އިތުރުން އެހެން އެލީޓް ކުޅިވަރުތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަން ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް އެގައުމުގައި ކޮވިޑް 19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަނެއްކާވެސް ގޭގައި ތިބެ އޮފީސްތައް ހިންގުމަށް ބަދަލުވެ، ގޭގައި މަޑުކުރަން ޖެހޭނެ ކަމަށް ބޮރިސް ފާހަގަކުރެއްވިއެވެ.

ބޮރިސް ވިދާޅުވީ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ކުރިއަށް ގެންދާނެ ކަމަށާއި، އެގައުމުގައި ހުރިހާ އެލީޓް ކުޅިވަރަކަށްވެސް ސަޕޯޓަރުން ނުލައި ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށެވެ.

ކޮވިޑް 19ގެ ފުރަތަމަ ރާޅާއެކު މިއަހަރުގެ މާޗު މަހުގެ ތެރޭގައި އިނގިރޭސިވިލާތް ފުރަބަންދުކޮށް، ލީގުވެސް މެދު ކަނޑާލިއެވެ. އަލުން ލީގު ފެށުމަށްފަހު ކުޅެފައި ވަނީ ސަޕޯޓަރުން ނުވައްދައެވެ.

ކޮވިޑް 19 އާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުވެސް ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލާފައިވާއިރު، ކްލަބުތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ސަޕޯޓަރުންގެ ޓިކެޓް ފައިސާވެސް މިހާރު ނުލިބޭއިރު، ކްލަބުތަކަށް ލިބޭ ޓީވީ ރައިޓްސްގެ ފައިސާވެސް ވަނީ ކުޑަވެފައެވެ.

ގާތްގަނޑަކަށް ޕްރިމިއާ ލީގުގެ ހުރިހާ ކްލަބަކުން ކަހަލަ ގޮތަކަށް މުސާރަ ކުޑަކުރިއިރު، ބައެއް ކްލަބުތަކުން ވަނީ މުއައްޒަފުންވެސް މަދުކޮށްފައެވެ. ކްލަބުތަކަށް ކޮވިޑް 19ގެ ސަބަބުން ދިމާވި މާލީ ދަތިކަމަށް އިނގިރޭސި ސަރުކާރުގެ އިތުރުން އީއެފްއެލްއިންވެސް ހައްލު ހޯދައިދޭން އަންނަނީ މަސައްކަތަކެއް ކުރަމުންނެވެ.