މަޝްހޫރު ބަތަލު ރިތިކް ރޯޝަން ވަނީ އިއްޔެ އޭނާގެ ބައްޕަ، ބަތަލު އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން އަށް ކެންސަރު ޖެހިފައިވާ ކަަމަށް އިއުލާން ކޮށްފައެވެ.
އިއްޔެ ރިތިކް ކުރި އިންސްޓަގްރާމު ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ ރާކޭޝް އަށް ވަނީ ކަރުގެ ކެންސަރު ޖެހިފައެވެ. އަދި ފުރަތަމަ ސްޓޭޖް ކަމުން އިއްޔެ ވަނީ ރާކޭޝްގެ ކެންސަރަށް ފަރުވާ ހޯދުމުގެ ގޮތުން އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައެވެ.
ރިތިކް ގެ ޕޯސްޓްގައި ރާކޭޝް އަށް އެހާ ބޮޑު ކަމެއް ދިމާވެގެން އުޅޭއިރުވެސް ދިރިއުޅުމާ ދޭތެރޭ ވިސްނާގޮތް ޕޮސިޓިވް ކަމުންނާއި ފިޓްނަސްއަށް ހުރި ފޯރި އަށް ވަނީ ތައުރީފު ކޮށްފައެވެ. އަދި އިއްޔެ އޮޕަރޭޝަން ކުރަން ހަމަޖެހިފައި އޮއްވާ އިއްޔެ ވެސް ރާކޭޝް ހެދުނު ޖިމްއަށް ދިޔަކަން ރިތިކް ވަނީ ފާހަގަކޮށް އޭނާ އާއެކު ފޮޓޯއެއްވެސް ނަގާފައެވެ.