މަޖިލީހުގެ ރައީސް

ވެންޓިލޭޓަރުތަކުގެ ފައިސާ ލިބި، އެކަމުގައި ޝާމިލުވާ ބަޔަކަށް އަދަބު ލިބެންދެން ފާރަވެރިވުމަކީ އަމާޒެއް: ނަޝީދު

އިބްރާހިމް ޒަކީ

ވެންޓިލޭޓަރުތައް ގެނައުމަށް ސަރުކާރުން ހަރަދުކުރި ފައިސާ ދައުލަތަށް ލިބި، އެކަމުގައި ޝާމިލުވާ ބަޔަކަށް ހައްގު އަދަބު ލިބެންދެން އެކަންތައްތަކަށް ރައްޔިތުންގެ މަޖިލިސް ފާރަވެރިކަމާއެކު އޮތުމަކީ އަމާޒެއް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމިޓީތަކުގައި ހުރި މަސައްކަތްތަކުގެ ސުންގަޑިތައް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެ ދެއްވަމުން މަޖިލިސް ރައީސް ވިދާޅު ވީ، ވެންޓިލޭޓަރުގެ ރިޕޯޓާބެހޭގޮތުން ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށާއި، އެ ކޮމިޓީންވެސް އެކަމަށް ސުންގަޑިއެއް ކަނޑައަޅާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުޑީޝަރީ ކޮމިޓީއަށް އެންގެވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ބަލައި މިމަހުގެ ނިޔަލަށް ނިންމުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތްތަކުގައި، އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން ދައުވާ ނުކުރެއްވީ ކީއްވެތޯ ބެލުމަށް، ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ވެސް އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

އެ މައްސަލައިގައި އޭސީސީން ފޮނުވި ރިޕޯޓުގައި ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ އެ މައްސައިގެ ތަހުގީގީ ރިޕޯޓް ޕީޖީ ވަނީ އަލުން އޭސީސީއަށް ފޮނުވާލައްވައިފައެވެ.