ޕީއެސްއެމް

ޕީއެސްއެމުން އިޖުރާޢަތްތަކާ ހިލާފަށް ޑޮކިއުމެންޓްތައް ގަތް 14 މައްސަލަ އޭސީސީއަށް!

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން އިޖުރާއަތްތަކާ ހިލާފަށް، ތަނަށް ޑޮކިއުމެންޓްތައް ގަނެފައިވާ 15 މައްސަލައެއްގެ ތެރެއިން 14 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އަށް ފޮނުވައިފިއެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިކެރްޓަރު ޢަލީ ޚާލިދު ރޭ ވީޓީވީގެ ''ފަސްމަންޒަރު'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޕީއެސްއެމްގައި ޚިޔާނާތުގެ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ތަނަށް ޑޮކިއުމެންޓްތައް ގަތުމާއި، ވަގުތުތައް އަގަކާއި ނުލައި ޕީޕީއެމްއަށް ދޫކުރުން ފަދަ ކަންކަން އެބަހުރިކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.

'' އަޅުގަންޑުމެންގެ ދަރަނި އެބައުޅޭ، ކުންފުނީގެ ދަރަނި ނަގާފައި ރާއްޖޭގެ ކުންފުނިތަކުން. 200 މިލިއަނެއްހާވަރު އެބައަރާ އިނގޭތޯ. މައްސަލަތައް އެބައުޅޭ ގާތްގަނޑަކަށް 15 ވަރަކަށް މައްސަލަ އެއްޗެހި ގަތުމުގެ. ޕްރޮކިއުމަންޓް އިޖުރާއަތުގެ ތެރެއަށް ނުވަންނަ. މީގެ 14 މައްސަލަ ވާނީ އޭސީސީއަށް ފޮނުވާފަ.'' ޢަލީ ޚާލިދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށް ކަމަށާއި ތަނުގެ މުވައްޒަފުންނާ މެދު އިހުލާމުވުމުގެ ސަބަބުން، މުވައްޒަފުންގެ ވޯޓިވޭޝަން ވެސް ގެއްލިފައިވާކަމަށެވެ. އަދި އެކަންކަން ރަގަޅު ކުރުމަށް ފުރަތަމަ ކަމެއްގެ ގޮތުގައި މުވައްޒަފުންގެ ކަންކަން ރަގަޅުކުރުމަށް މަސައްކަތްކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެސްއެމުން ވަގުތު ދިނުމުގައި ވަކި ފަރާތަކަށް ބުރަވެފައިވާކަން އޭނާ މީގެކުރިން ވަނީ ފާހަގަކުރައްވައިފަ އެވެ.

ޕީޕީއެމްއަށް އަގަކާ ނުލައި އޮން އެއާ ވަގުތުތައް ދިންކަން މީޑިއާއެއް ގައި ހާމަކުރައްވަމުން ޢަލީ ޚާލިދު ކުރިން ވިދާޅުވެފައިވަނީ ޕީޕީއެމަށް ދީފައިވާ އޮންއެއާ ޓައިމްގެ އަގު 3.1 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް ކަމަށްބުނެ، ރިޔާސީ ކެމްޕެއިންގެ އިވެންޓްތައް ގެނެސްދީފައިވާ ކަމަށާއި އެއީ ރައީސުލްޖުމްހުރިއްޔާގެ ރަސްމީ އިވެންޓްތައް ނޫން ކަމަށް ވެސް ޢަލީ ޚާލިދު ވިދާޅުވެފައި ވެއެވެ.