މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ ކުރިއަށް އޮތް ފިލްމުގައި ބޮލީވުޑްގެ މެގަސްޓާ ޝާހްރުކްހާން ކުޅޭނީ ޑަބަލް ރޯލު ކަމަށް އިންޑިއާގެ މުނިފޫހިފިލުވާ ހަބަރު ފަތުރާ ބައެއް މީޑިއާތަކުން ބުނެފިއެވެ.
އަޓްލީގެ އެ އެކްޝަން ތުރިލާގައި ޝާހް ކުޅޭނީ ބައްޕަ އަދި ދަރިފުޅުގެ ރޯލު ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އެގޮތުން 1988 ގައި ރިލީޒް ކުރި ޑުޕްލިކޭޓަށް ފަހު ޝާހް ޑަބަލް ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމަކީ އަޓްލީގެ މި ފިލްމެވެ.
އަންނަ ނޮވެމްބަރު މަހު ޝާހު "ޕަތަން" ގެ ޝޫޓިންތައް ފަށާތީ އަޓްލީ ޑައިރެކްޓްކުރާ ފިލްމުގެ މަސައްކަތްތައް ފަށާނީ މިއަންނަ އަހަރު މެދުތެރޭގައެވެ. އެ ފިލްމުގެ މަސައްކަތްތައް މިއަންނަ އަހަރު ފަށަން ނިންމީ ޝާހް އަށް "ޕަތަން" ގެ ޝޫޓިންތައް ނިންމާލުމަށް ފުރުސަތު ދިނުމަށެވެ.
އަޓްލީގެ ކުރިއަށް އޮތް ފިލްމުގެ ނަން އަދި ހާމަކޮށްފައި ނުވާއިރު، ޝާހް ގެ އިތުރުން އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ކޮން ފަންނާނުންނެއް ކަން ވެސް އަދި އާއްމެއް ނުކުރެއެވެ.