ބޮލީވުޑް

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޝާހު ފިލްމެއް ކުޅެން ސޮއި ކޮށްފި

އީމާ މުހައްމަދު ވަހީދު

މަޝްހޫރު ބަތަލު ޝާހްރުހްހާން ދެއަހަރު ދުވަހު އެއްވެސް ފިލްމެއް ނުކުޅެ ހުރުމަށްފަހު ފިލްމެއް ކުޅެން ސޮއި ކޮށްފިއެވެ.

ޝާހު ސޮއިކުރީ ސިދާންތު އާނަންދު ޕްރޮޑިއުސް ކުރާ "ޕަތަން" ނަމަކަށް ކިޔާ ފިލްމެއް ކުޅުމަށެވެ. ދެއަހަރުގެ މެދުކެނޑުމަކަށްފަހު ޝާހް ފިލްމީ މަސައްކަތްތައް ފަށާ ފިލްމަކަށް "ޕަތަން" ވެގެން ދާއިރު އެ ފިލްމުގެ ލީޑްރޯލުން ޝާހްގެ އިތުރުން މަޝްހޫރު ބަތަލާ ދިޕިކާ ޕަޑްކޯނު އަދި ޖޯން އަބްރަހަމް ފެނިގެންދާނެއެވެ.

ހަބަރުތައް ބުނާ ގޮތުގައި "ޕަތަން" ގެ ޝޫޓިންތައް މިއަންނަ ނޮވެމްބަރު މަހު ފަށާނެއެވެ. އަދި ފިލްމުގެ ޝޫޓިންތައް ދެމަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށްވެސް ފިލްމުގެ ޕްރޮޑިއުސަރު ސިދާންތު ވަނީ ލަފާކޮށްފައެވެ.

2018 ވަނަ އަހަރު ޝާހް ލީޑްރޯލުން ފެނިގެންދިޔަ ފިލްމު "ޒީރޯ" ގެ ނާކާމިޔާބީއަށް ފަހު ޝާހް ވަނީ ފިލްމު ކުޅުމުން ދެ އަހަރު ދުވަހުގެ ބްރޭކެއް ނަގައިފައެވެ. މި ދެ އަހަރު ތެރޭގައި ޝާހަށް ގިނަ ފިލްމުތަކެއްގެ ހުށަހެޅުން ލިބިފައިވީ ނަމަވެސް އޭނާ ވަނީ އެ ފިލްމުތަކުގައި މަސައްކަތް ކުރަން އިންކާރު ކޮށްފައެވެ.