ޕްރޮސިކިއުޓާ ޖެނެރަލް

ޕީޖީ އޮފީހަކީ ޕޯސްޓް އޮފީހެއް ގޮތަށް، ފޮނުވާ ހުރިހާ މައްސަލައެއް، ކޯޓަށް ފޮނުވާ ތަނެއް ނޫން: ޕީޖީ

އިބްރާހިމް ޒަކީ

ޕީޖީ އޮފީހަކީ ޕޯސްޓް އޮފީހެއް ގޮތަށް، އެ އޮފީހަށް ފޮނުވާ ހުރިހާ މައްސަލައެއް، ކޯޓަށް ފޮނުވާ ތަނެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސެއިިން ޝަމީމު މިހެން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބުދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުއްވި ރިޕޯޓުގައި، އެ ފަރާތްތަކުގެ މައްްޗަށް ދައުވާ ކުރެވޭ ފަދަ ހެއްކެއް ނެތްކަމަށް ވިދާޅުވެ ނުސްވެރިންނަށް އެކަމާބެހޭ މައުލުމާތު ދެއްވަމުންނެވެ.

ޝަމީމު ވިދާޅުވީ އެ މައްސަލަތަކުގައި ޕީޖީ ބައްލަވަން ޖެހިވަޑައިގަންނަވަނީ، ޖިނާއީ ކަމެއްތޯ، ފިޔަވަޅު އެޅޭތޯ، ނުވަތަ ނޫންތޯ ކަމަށެވެ. ނަމަވެސް ކުށެއް ސާބިތުވާ ފަދަ ހެއްކެއް ނެތް މައްސަލަތަކެއް ކޯޓަށް ހުށަހެޅުއްވުމަށް ނޫޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއުޅެނީކީ ޕޯސްޓް އޮފީހެއް ގޮތަށް މިތަނަށް އަންނަ ހުރިހާ މައްސަލައެއް ކޯޓަށް ފޮނުވާކަށެއް ނޫން. އަޅުގަނޑުމެންނަށް ކޮންމެވެސް އެއްޗެއް ކިޔައިގެން ކޮންމެވެސް ރަނގަޅު ވާހަކައެއް ދައްކައިގެން ކުށެއް ސާބިތު ކޮށްދެވުމުގެ ޕޮސިބިލިޓީއެއް ނުވަތަ ދައުވާއެއް ކުރެވޭވަރުގެ ޕޮސިބިލިީއެއް އޮވެގެންތާއޭ ކޯޓަށް ދެވޭނީ،" ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ކަނޑައެޅިގެން ގަވައިދުން ހުއްދަ ކުރާކަމެއް ހުއްދަކުރާ ގޮތަށް ކޮށްގެން، އެ މައްސަލަ ހިފައިގެން ކޯޓަށް ދިއުމަކީ ކަމުދާކަމެއް ނޫން ކަމަށާއި އެއީ މި ނިޒާމު ބައްޓަން ވެފައިވާ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ އެ ރިޕޯޓުން ޖިނާއީ ކަމެއް ފާހަގަނުވި ނަމަވެސް ވެންޓިލޭޓަރުގެ މުއާމަލާތްތަކުގެ މައްސަލައިގައި، އިދާރީ ބޮޑެތި މައްސަލަތައް ހިނގާފައިވާކަން ފާހަގަވެފައިވާ ކަމަަށެވެ. އެކަންކަމަށް ފިޔަވަޅު އަޅައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ އެޓާނީ ޖެނެރަލް (އޭޖީ) ގެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ދެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވަޒީފާގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ފައިސާ ހޯދަން ދެން ހަދަންޖެހޭ ގޮތްތަކާއި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ދެން ބަންޑާރަ ނާއިބު އެކަން ކުރިއަށް ގެންދާނެ. އެއީ އަޅުގަނޑަކާ ބެހޭ ކަމެއް ނޫން. އަޅުގަނޑު މި ބަލަނީ ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްގެ މައްޗަށް ދައުވާ ކޮށްގެން އަޅުގަނޑުމެން ކޮން ވާހަކައެއްތޯ ކޯޓުގައި ދައްކާނީ،" ޝަމީމު ވިދާޅުވިއެވެ.