ބޮލީވުޑްގެ މަޝްހޫރުން ފަންނާނުން ކަމަށްވާ އަބީޝެކް ބަޗަން އަދި ރާޖުކުމާރު ރާއޯ ލީޑްރޯލުން ފެނިގެންދާ ފިލްމު "ލޫޑޯ" އޮންްލައިންކޮށް މިއަންނަ މަހު 19 ގައި ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމައިފިއެވެ.
ކޮވިޑް 19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުންގައި 4 ވަރަކަށް މަސް އޮތުމަށްފަހު ލުއިތައް ދިނުމުން ބޮލީވުޑްގެ ގިނަ މަސައްކަތްތަކެއް އަލުން ފަށައި، ގިނަ ފިލްމު ތަކާއި ވެބް ސީރީޒްތައް ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކާލާނީ ރިލީޒްކުރަން މަހަކަށްވުމުން މިމަހުގެ 19 ވަނަ ދުވަހެވެ. ލޫޑޯގެ ލީޑްރޯލުތަކުން އަބީޝެކް އަދި ރާޖްކުމާރުގެ އިތުރުން ފާތިމާ ހަސަން އާއި އަދިތުޔާ ރޯއީ ކަޕޫރު އަދި ސަންޔާ މަލޯތުރާ ފެނިގެންދާނެއެވެ.
ލޫޑޯ އަކީ ގުލްޝަން ކުމާރު އަދި ޓީސީރީޒް ގުޅިގެން އުފެއްދި ފިލްމެކެވެ. ލޫޑޯގެ ޕްރޮޑިއުސަރުންގެ ތެރޭގައި އަނޫރާގް ބާސޫ ދިވްޔާ ހޯސްލާ ކުމާރު އަދި ބުޝަން ކުމާރު ހިމެނެއެވެ.