ޤައުމީ ދާރުލްއާސާރާއި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ގުޅޭ ގޮތުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން މަޝްވަރާ ކުރައްވައިފިއެވެ.
ފުލުހުން ބުނީ ގައުމީ ދާރުލްއާސާރުގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ ގައުމީ ދާރުލްއާސާރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބެލެހެއްޓުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޔުމްނާ މައުމޫނާއި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ހެރިޓޭޖްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުކުރެއްވުމަށްފަހު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ގައުމީ ދާރުލްއާސާރަށާއި ގައުމީ ދާރުލްއާސާރުގައި ގާއިމްކޮށްފައިވާ ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފައެވެ.