ގާސިމް އިބްރާހިމް

ގާސިމްގެ ޕާސްޕޯޓް ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓު، އިމިގްރޭޝަނުން ދޫކޮށްލައިފިއެވެ.

ކަފާލާތުގެ ދަށުން މިއަދު ހައިކޯޓުން ގާސިމް މިނިވަންކުރި އިރު، ގާސިމްގެ ޕާސްޕޯޓް ދޫކޮށްލިކަން އިމިގްރޭޝަނުން ވަނީ "ވަން"އަށް ކަށަވަރުކޮށްދީފައެވެ.

ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދުމަށް ގާސިމް، ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އޭރު ކަރެކްޝަނުން ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ދީފައިވަނީ ދިހަ ދުވަހުގެ ހުއްދައެކެވެ. އެއަށްފަހު މިހާރު ގާސިމް ދިރިއުޅުއްވަނީ ޖަރުމަންވިލާތުގައެވެ.

ގާސިމަށް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ އެ ހުކުމް ކޮށްފައިވަނީ އޭނާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.

އެ ހުކުމް ކޮށްފައިވަނީ ދައުލަތުން އުފުލި ރިޝްވަތުދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ ގާސިމްގެ މައްޗަށް އުފުލީ ޖުމްހޫރީ ޕާޓީގެ އޮފީސް، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓާއި އެހެނިހެން އެހީތެރިކަންވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.