ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޕޯސްޓް މޯޓަމް ހެދުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލައިިފި

އަހުމަދު ޖައިޝަން

ޕޯސްޓް މޯޓަމް ހެދުމުގައި އަމަލު ކުރާނެ ގޮތުގެ މިންގަނޑުތަކެއް އެކުލަވާލައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑީވްސް (އެޗުއާރުސީއެމް)އިން އާންމުކޮށްފި އެވެ.

އެޗުއާރުސީއެމުން ބުނެފައި ވަނީ އެ ގައިޑްލައިނަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ނުވަތަ އެނޫންވެސް ގޮތަކަށް ޝައްކެއް އުފެދޭގޮތަށް މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ދެނެގަތުމަށް އެއްވެސް ކަހަލަ މިންގަނޑެއް އެކުލަވާލާފައި ނެތުމުން އެކުލަވާލި ގައިޑްލައިނެއް ކަމަށެވެ.

އެފަދަ ގައިޑްލައިނެއް ނެތުމުގެ ސަބަބުން އިންސާނީ ހައްގުތައް ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެޗުއާރުސީއެމުން ވަނީ ބުނެފައެވެ.

މީހަކު ވަޅުލުމަށްފަހު އަލުން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްވެސް އެ ގައިޑްލައިނުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ޕޯސްޓް މޯޓަމް ޓެސްޓް ހެދުމަށްފަހު، ނުވަތަ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު، ނުވަތަ ޕޯސްޓް މޯޓަމް ޓެސްޓެއް ހެދުމަކާނުލައި، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަޅުލާފައިވަނިކޮށް، ދެވަނަ ޕޯސްޓް މޯޓަމްއެއް ނުވަތަ އޯޓޮޕްސީއެއް ހެދުމަށް ހަށިގަނޑު ނަގަންޖެހޭނަމަ، އެކަން ކުރަންވާނީ އާއިލާއިން ނުވަތަ އެކަމަށް އެދޭ ދައުލަތުގެ އިދާރާއިން އެކަމަށްޓަކައި ކޯޓު އަމުރެއް ހޯދުމަށްފަހުގައި ކަމަށް އެ ގައިޑްލައިންގައި ވަނީ ބުނެފައެވެ.

އެޗްއާރުސީއެމް އިން ވަނީ ގައިޑްލައިން އާއެކު މޮޑެލް ޕޯސްޓް މޯޓަމް ރިޕޯޓް ފޯމެއްވެސް އެކުލަވާލައިފައެވެ.