އެމްއާރްއެމް

މަގުމަތީ ޕެލެޓް ބެހެއްޓޭނެ އުސޫލުތަކެއް ކަނޑައަޅަންޖެހޭ: ނާދިރާ

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ މަގުމަތީ ޕެލެޓް ބެހެއްޓޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅެއްކަމަށްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

މާލޭގެ މަގެއްގެ މަތީގައި ބަހައްޓާފައި ހުރި ޕެލެޓެއްގެ ތެރެއަށް ފައިތާށިވި އަންހެނެއްގެ ފައި އޮޕަރޭޝަން ކުރަންޖެހުނު މައްސަލައިގައި ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ނާދިރާ ވިދާޅުވީ ޕެލެޓަށް ފައިތާށިވުމުގެ މައްސަލައަކީ ކޮންމެ ފަހަރަކު ހާމަނުކުރި ނަމަވެސް ހިނގާ ކަމެއް ކަމަށެވެ.

އެކަން ހައްލުކުރުމަށް ކަލާބެހޭ ފަރާތްތަކުން ޕެލެޓް ބަހައްޓާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި ރެގިއުލޭޓް ކުރަން މިހާރު ލަސްވެއްޖެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕެލެޓަށް ފާއިތާށިވެގެން ވަރަށް ގިނަ މީހުން ފަރުވާ ހޯދާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ނާދިރާ ވަނީ އޭނާގެ ބޮޑު ދައިތައަށް ވެސް އެފަދަ ހާދިސާއެއް ކުރިމަތިވުމުން ބޮޑު ދައިތަ މިހާރު އޮތް ހާލަތު ވަންއޮންލައިންއަށް ހިއްސާކުރައްވާފައެވެ. އެގޮތުން ހުސްވި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނާދިރާގެ 69 އަހަރުގެ ބޮޑުދައިތަ ދަގަނޑު ޕެލެޓެއްގެ ތެރެއަށް ފައިތާށިވެ ދެގަޑިއިރު ފަހުން ދަގަނޑު މަތައިގެން ސަލާމަތްކުރި އިރު ވެއްޓިފައި ޖެހުނު ކޮނޑު އޮތީ އޮޕަރޭޝަން ކުރަން ޖެހިފައެވެ.

ސްރީލަންކާއިން އޮޕަރޭޝަންކޮށްފައިވާ ބޮޑުދައިތަގެ ކޮނޑަށް ލެއްވި ބޯލްޓް ނަގަން މިހާރު ސްރީލަންކާއަށް ގޮސް ހުރި ބޮޑުދައިތަ މިވަގުތު އޮތީ އައިސީޔޫގައި ކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ބޯލްޓު ނަގަން އޮޕަރޭޝަން ކުރަމުންދިޔައިރު ހާލު ސީރިއަސްވުމުން ނަގަންޖެހޭ ބޯލްޓުތަކުގެ ތެރެއިން ދެ ބޯލްޓު ބެހެއްޓުމަށްފަހު އައިސީޔޫއަށް ވެއްދީ ކަމަށެވެ. އަދި އައިސީޔޫއިން ނެރޭނަމަ އޮކްސިޖަން މެޝިނެއް ގަންނަންޖެހޭ ކަމަށާއި މެޝިނުގެ އަގަކީ 40000 ރުފިޔާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ހިތާމަވެރި އެތައް ހާދިސާއެއް މާލޭގައި ހިނގާފައިވާކަމަށާއި މިކަމަކީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނާދިރާ މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މއ. އަލިމަސްގޯޅި ތެރެއިން ދެ އަހަރުގެ ކުއްޖަކު އުރައިގެން ހިނގާފައި ދިޔަ އަންހެނަކު ޕެލެޓަށް ފައިތާށިވި މައްސަލައިގައެވެ.

އެހާދިސާގައި އަންހެންމީހާ މަގު ހުރަސްކުރަން ވެގެން ޕެލެޓަށް އަރަން އުޅެނިކޮށް، ދެ ފަތީގެ ދޭ ތެރޭގައި ފައި ތާށިވެ ދަރިފުޅާއެކު ވެއްޓި އަންހެން މީހާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.