މުނިފޫހިފިލުވުން

ގޯލްޑަން ގްލޯބްސް ގެ ތަރި އަކީ "ފިޖީ ވޯޓަރ ވުމަން"

އިއްޔެ ކުރިއަށް ދިޔަ ގޯލްޑަން ގްލޯބްސް އެވޯޑްސް ހަފްލާގައި ގިނަ ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ލަވަ ކިޔުންތެރިން ފެނިގެން ގޮސްފައިވާއިރު، އެންމެންގެ ލޮލުގައި އަޅައިގަތީ ގިނަ ފޮޓޯ ތަކަކަށް އަރާފައިވާ، ފެން ހިފައިގެން ހުރި އަންހެން މީހާއެވެ.

އެ މީހާ ހިފައިގެން ހުރީ "ފިޖީ" ބްރޭންޑް ގެ ފެން ފުޅި ކަމުން އޭނާއަށް "ފިޖީ ވޯޓާ ވުމަން" ގެ ނަމުން މީސް މީޑިއާގައި ދަނީ މުހާތަބު ކުރަމުންނެވެ.

މޮޑެލް އެއް ކަމަށްވާ ކެލެތް ކުތްބާޓް އަކީ "ފިޖީ" ފެން ކުންފުނިން ރެޑް ކާޕެޓަށް އަންނަ ތަރިންނަށް ފެން އެރުވުމަށް ހަމަޖައްސާފައިވާ ފަރާތެވެ. ނަމަވެސް ގިނަ ތަރިންގެ ފޮޓޯ ތަކަކުން ކެލެތް ފެނިގެން ދިއުން ވެގެން ގޮސްފައިވަނީ މިފަހަރުގެ އެވޯޑު ހަފްލާގައި އޭނާ އަށް "ރާނީ" ގެ ލަގަބު ލިބިގެން ދިޔަ ކަމަކަށެވެ.

ބައެއް ފޮޓޯ ތަކުގައި ކެލެތް ފޮޓޯތަކަށް ނުބަލާ ހުރި ކަމުގައި ވިއަސް މީހުންގެ ލޮލުގައި އަޅައިގަތީ ހިނިތުންވުމުމަކާ އެކު ގިނަ ފޮޓޯތަކެއްގެ ފަަހަތުގައި ފޮޓޯ އަށް ޕޯސް ކޮށްގެން ކެލެތް ހުރުމުންނެވެ.

ޓުވިޓާ ކޮމިއުނިޓީގައި އަޑު ފެތުރިފައިވާ ގޮތުގައި ކެލެތް މި ހޯދި މަގްބޫލު ކަމުން އޭނާ އަށް ވަރަށް އަވަހަަށް ފިލްމެއް ލިބިދާނެ ކަމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށެވެ.

ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ކެލެތް ނެގި ކަމަށް ވާތީ ގްލެމާ މެގަޒިންއިން ވަނީ އޭނާ އަށް ތައުރީފު ކޮށްފައެވެ. އެ މެގަޒިން އިން ބުނި ގޮތުގައި ކެލެތް އަކީ އެއްވެސް އެވޯޑަކަށް ނޮމިނޭޓްވި ފަރާތެއް ނޫން ކަމަށާއި އޭނާ ހުރީ ހަމައެކަނި ފެން ފުޅި ތަކެއް ހިފަހައްޓައިގެންނެވެ. ނަމަވެސް އެ ރެޑް ކާޕެޓަށް އެރި ތަރިންތަކަށްވުރެ އޭނާ ހޯދީ މަގްބޫލުކަން ބޮޑެވެ. މިއީ ފިޖީ ފެނަށްވެސް ލިބުނު ބޮޑު އިސްތިހާރެކެވެ.