އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ސަރުކާރުން 2010 ގައި ހެދި އެއްބަސްވުން ބާތިލުކުރި މައްސަލާގައި ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައި ވާއިރު އެ ހިސާބު ކޮށްފައި ވަނީ ކޮން ކަންތައްތަކަކަށް ބިނާކޮށްކަން އެނގެން ނެތްކަމަށް ދައުލަތުން ބުނެފިއެވެ.
ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު އޮތް ފުރަތަމަ އަޑުއެހުމުގައި އެ މައްސަ ރިވިއު ކުރުމަށް ދއުލަތުގެ ފަރާތުން ވަނީ ތިން ނުގުތާއެއް ހުށަހަޅުއްވައިފައެވެ.
މި ނުކުތާތައް ހުށަހަޅުއްވަމުން އޭޖީ އޮފީހުގެ ސްޓޭޓް ކައުންސެލް ހައްވާ ސަނާ ވިދާޅުވީ، ދީބާޖާއަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އަމިއްލައަށް ދީބާޖާއިން ތައްޔާރުކުރި ލިޔުންތަކަކަށް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުން އެ މައްސަލަ އިސްތިއުނާފު ކުރި ސަބަބުތަކުގެ ގޮތުގައި ދައުލަތުން ބަޔާން ކުރި ސަބަބުތަކަކީ އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބުތަކެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކީ އަދުލު އިންސާފަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއީ އިސްތިއުނާފު ކުރުމުގެ ހައްގުން މަހުރޫމު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި، މައްސަލަ އަލުން ބަލައި މުރާޖައާކޮށްދިނުމަށާއި މައުލޫއީގޮތުން އެކަމަށް ގޮތެއް ކަނޑައަޅާނަމަ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުން އެދޭކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ރައްދުވާ ދީބާޖާއިން ބުނީ، އެ މައްސަލައަކީ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރެވޭނެ މައްްސަލައެއް ނޫން ކަމަށެވެ
އެއަށް ރައްދު ދެއްވައި ސަނާ ވިދާޅުވީ ހައިކޯޓުގެ ނިންމުން މާޒީއަށް ރުޖޫއަވާ ގޮތަށް ސުޕްރީިމް ކޯޓުން ތަތުބީގު ކުރުމަކީ ނިހާއީ ހުކުމެއް އިއްވާފައިވާ މައްސަލައެއް އަލުން ބަލައި މުރާޖައާ ކުރެވިދާނެ ހާލަތެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ މުރާޖައާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މިއަދު ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާތަކަށް ޖަވާބު ދިނުމަށް މައްސަލަ ރައްދުވާ ފަރާތަށް ފުރުސަތު ދިނުން ކަމަށެވެ. އެކަމަށްޓައި އަންނަ ހަފްތާގައި ނުވަތަ، އޭގެ ފަހުން އަންނަ ހަފްތާއަށް މައްސައިގެ އަޑުއެހުމެއް ތާވަލް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދީބާޖާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ އެ ހުކުމް އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އޭޖީ ނިންމެވިކަން އެ އޮފީހުން ހާމަކޮށްފައިވަނީ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އަދި އެ މަހުގެ 28 ވަނަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ އެ ކޯޓަށް ބަލައިގެންފައިވަނީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.
އެހެންކަމުން އެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދީބާޖާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ބަދަލު ދިނުމުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ކޯޓުން ބޭރުގައި އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވި އެވެ. ނަމަވެސް އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އަންގަވައިފަ އެވެ.