މަޝްހޫރު ބޭންޑު "ކުއީން"ގެ ބަޔޯޕިކް ފިލްމު ކަމަށްވާ "ބޮހީމިއަން ރެޕްސޮޑީ" އާއި މަޝްހޫރު އެކްޓަރު ރަމީ މަލެކް އަށް މިއަހަރުގެ ގޯލްޑަން ގްލޯބްސްގައި ބޮޑެތި ކާމިޔާބީތަކެއް ލިބިއްޖެ އެވެ.
ރަމީ މަލެކް އަށް މިއަހަރުގެ ގޯލްޑަން ގްލޯބްސްގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު އޭނާއަށް އެ ކާމިޔާބީ ލިބިފައިވަނީ ބޮހީމިއަން ރެޕްސޮޑީންނެވެ.
ކުއީންގެ ފްރެޑީ މާކިއުރީގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެ ފިލްމު ވަނީ ހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އެންމެ މޮޅު ޑްރާމާ ފިލްމުގެ އެވޯޑު ހޯދާފައެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑު އެ ފިލްމުން ރަމީ މަލެކް އަށް ލިބުނު އިރު އެއީވެސް ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.
ހަފްލާގެ އެންމެ ބޮޑެތި އެވޯޑުތައް ބޮހީމިއަން ރެޕްސޮޑީ ގެންދިޔަނަމަވެސް އެންމެ ގިނަ އެވޯޑުތައް ގެންގޮސްފައިވަނީ ޕީޓާ ފެރީލީގެ "ގްރީން ބުކް" އެވެ. އެ ފިލްމަށް ތިން އެވޯޑެއް ލިބިފައިވާއިރު އެ އެވޯޑުތަކަކީ އެންމެ މޮޅު ކޮމެޑީ އާއި އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ.
މިއަހަރުގެ ގޯލްޑެން ގްލޯބުގައި އެންމެ އުއްމީދީ ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެފައިވަނީ ލޭޑީ ގާގާ އާއި ބްރެޑްލީ ކޫޕާގެ "އަ ސްޓާ އިޒް ބޯން" އެވެ. އެ ފިލްމަށް ފަސް ނޯމިނޭޝަނެއް ވަނީ ލިބިފައެވެ. ނަމަވެސް އެ ފިލްމަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ.
އަ ސްޓާ އިޒް ބޯން އަށް އެންމެ މޮޅު ލަވައިގެ އެވޯޑް ލިިބިފައިވަނީ އެ ފިލްމުގައި ލޭޑީ ގާގާ ކިޔާފައިވާ "ޝެލޯ"އަށެވެ.