އަހްމަދު ފާރިސް މައުމޫން

ރައީސް ޔާމީނަށް ވޯޓު ދިން މީހުން މައުމޫންގެ ފަހަތަށް އެރުމަށް ފާރިސް އެދިވަޑައިގެންފި

4

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވޯޓު ދިން ޕީޕީއެމްގެ ސަޕޯޓަރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަހަތަށް އެރުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެދިވަޑައިގެންފިއެވެ.

ކަފާލާތުގެ ދަށުން މިނިވަންކުރުމާއެކު އެންދެރިމާގެ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފާރިސް ވަނީ ކެމްޕެއިންގެ ވާދަވެރިކަމުގައި ދެކެވުނު މާޒީ ދޫކޮށްލުމަށްފަހު އެކަމުގައި މަސައްކަތްކުރުމަށް ރައީސް ޔާމީނަށް ވޯޓުދިން ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ހަމަ މިވަގުތު ދަންނަވާނީ އަޅުގަނޑުމެން ފަސްއެނބުރި ބެލުން ދޫކޮށްލާށޭ. އަޅުގަނޑުމެންގެ ތެރޭގައި އެހެން ގޮތަކަށް ވޯޓު ދެއްވި ބޭފުޅުންނަކީ ވެސް އަޅުގަނޑުމެންގެ ބޭފުޅުންނޭ. އެބޭފުޅުން ގޮތެއް ނިންމެވީ ކުރިއަށް އޮތް ފަސް އަހަރާމެދު. ދެން އެ ފަސް އަހަރު ފެށުމަކާ ހަމައަށް މި އަންނަނީ. އެހެންވީމަ އެބޭފުޅުންނަކީ ވެސް އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނޭ. އަދި ކެމްޕޭންގެ ވާދަވެރިކަމުގައި ދެކެވުނު ވާހަކަތައް ދެން ފަހަތަށް ދޫކޮށްލާށޭ. މިހާހިސާބުން ކުރިއަށް އެކީގައި އެކުގަ އަޅުގަނޑުމެން މަސައްކަތް ކުރަން ވިސްނަމާ ހިނގާށޭ،" ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ ހަމަމަގަށް އެޅުވުމަށް އިދިކޮޅު ހަތަރު ލީޑަރުންނާއެކު ހުންނަވާނެ ކަމަށެވެ. އަދި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާރިސް މަރުހަބާ ދެންނެވިއެވެ.

ރައްޔިތުންގެ މަޖިލީސް މިނިވަންކަމާއެކު ހިނގާނެކަމުގެ ޔަގީންކަން މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން އެނގިގެން ހިނގައްޖެ ކަމަށާއި އޭނާގެ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް އެއްވެސް ބަދަލެއް ނާދެ. މިނިވަންވުމުން އިތުރު ގިއަރެއް މައްޗަށް ޖައްސާލަންޖެހޭ ކަމަށް އަޅުގަނޑަށް ފެނޭ،" ފާރިސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއެކު ރައްޔިތުން ދެއްކި މަގުގައި މާގިނަ ދުވަހެއް ނުވެ މަޖިލީހުގެ ޖަލްސާތައް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާއާ ގުޅޭގޮތުން ފާރިސް ވިދާޅުވީ އޭނާ ދެކޭގޮތުގައި އެ ޖަލްސާ ބޭއްވީ ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ ބައިވެރިވުމަކާ ނުލައި ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ކޯޓުގައި ކަމަށާއި ކޯޓުން ރަނގަޅު ގޮތެއް ކަނޑައަޅާނެ ކަމަށް ބެލެވޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

ކަފާލާތުގެ ދަށުން ފާރިސް މިނިވަންކުރަން ހައިކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އިސްތިއުނާފާ މެދު އެ ކޯޓުން ވަކިގޮތެއް ނިމެންދެނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟