ކްރިމިނަލް ކޯޓް

މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އިސްތިއުފާދެއްވައިފި

އިބްރާހިމް ޒަކީ

2

މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އިސްތިއުފާދެއްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމުން މިއަދު އިސްތިއުފާ ދެއްވިކަން އިބްރާހީމް އަލީ ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ، ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށެވެ.

އިސްތިއުވާ ދެއްވީރުވެސް އެ މައްސަލައިގައި އޭނާ ހުރީ ސަސްޕެންޑް ކޮށްފައެވެ.

ޖޭއެސްސީން ބުނީ ގާޒީ އިބްރާހިމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖައާ ކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އިބްރާހީމް އަލީ މިއަދު ވިދާޅުވީ، ޖޭއެސްސީން ބުނާ ލަސްވުމަކީ ފަސް ދުވަހުގެ ލަސްވުމެއް ކަމަށާއި، އެއީ ގަސްތުގައި ކުރި ލަސްކުރުމެއްނޫން ކަމަށެވެ.

އެ ފަސް ދުވަހުގެ ލަސްވުމަކީ، ސުލޫކީ މައްސަލައަކަށް ވާނަމަ، ސުލޫކީ ނުވާ އެއްވެސް ފަނޑިޔާރަކު ނުހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން، ބަންދުގައި ބަހައްޓާމީހެއްނަމަ 70 ދުވަހުގެ ތެރޭގައި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ޖެހޭނެ، ބަންދުން ދޫކޮށްލާފައިވާ މީހެއްނަމަ 90 ދުވަހުގެތެރޭގައި މައްސަލިގެ އަށޑުއެހުން ބާއްވަން ޖެހޭނެ، އަޑުއެހުންތައް ނިމޭތާ 30 ދުވަހުގެތެރޭގައި، ހުކުމް ކުރަންވާނެ، މައްސަލައެއް ކޯޓަށް ވަންނަތާ 5 ދުވަހުގެ ތެރޭއި ލިއުންތައް ހަވާލުކުރަންވާނެ، އިއުތިރާފް ވެއްޖެނަމަ ފަސްދުވަހުުގެ ތެރޭގައި އަވަސްނިޔާގެ ޝަރީއަތުން ގޮތެއް ނިންމަންޖެހޭނެ، އެ ޕްރޮސެސްއެއްނުހިނގާނެ،" އިބްރާހީމް އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނީވެސް ގާނޫނާ ހުލާފަށް ކަމަށެވެ. އެކަމުގައި ޖޭއެސްސީގެ ގާނޫނަށް ހަވާލާދޭން ޖެހޭއިރު، އޭނާއަށް ފިޔަވަޅު އަޅާފައިވަނީ ލޯކަލް ކައުންސިލްގެ ގާނޫނަށް ހަވާލީ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ޖޭއެސްސީގެ ގާނޫނަަށް މިހާރު ގެނަސްފައިވާ އިސްލާހުގެ ސަބަބުން ހައްގު ހޯދުމުގެ މަގުވެސް ބަންދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް އަލީ ވިދާޅުވީ، އެ އިސްލާހުވާގޮތުން ޖޭއެސްސީން އަޅާ ފިޔަވަޅަކާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަަލައެއް ހުށަހަޅަންޖެހެނީ އިސްތިއުނާފީ މޮމިޓީއަށް ކަމަށެވެ. ނަމަވެސް އެއީ ވުޖޫދުގައިވެސް ނެތް ކޮމިޓީއެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟