މުނިފޫހިފިލުވުން

އަޝްވިންގެ ފިލްމުގައި ދިޕިކާއަށް ވުރެ ބޮޑު ފީއެއް އަމީތާބަށް

އީމާ މުހައްމަދު ވަހީދު

ނަގް އަޝްވިންގެ ތެލިނގޫ ފިލްމު ކުޅުމުގެ ފީއެއްގެ ގޮތުގައި، މަޝްހޫރު ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަޑްކޯން އަށް ދޭ އަދަދަށްވުރެ ބޮޑު ފީއެއް އަމީތާބް ބަޗަން އަށް ދޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިޕިކާ އަޝްވިންގެ ފިލްމު ކުޅެން އެއްބަސްވީ 12 ކަރޯޑް ރުޕީސްގެ ފީއަކަށެވެ. އަމީތާބަށް ދިޕިކާ އަށް ލިބޭ އަދަދުގެ ދެގުނަ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ނަގް އަޝްވިންގެ ތެލިނގޫ ފިލްމު ކުޅެން ސޮއި ކޮށްފައިވާކަން އަމީތާބް ވަނީ އޭނާގެ އޮފިޝަލް ޓުވީޓާ އެކައުންޓް މެދުވެރިކޮށް ކަށަވަރު ކޮށްދީފައެވެ. އެ ފިލްމަކީ އަމީތާބުގެ ފުރަތަމަ ތެލިނގޫ ފިލްމު ކަމަށް ވުމުން އޭނާ މިހާރު އަންނަނީ ތެލިނގޫ ބަސް ދަސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނަން އިއުލާން ނުކުރާ އަދި މާ ބޮޑު ތަފުސީލުތަކެއް ވެސް ހާމަ ނުކުރާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާނެ، ވަރަށް އިންޑިއާވަންތަ ފިލްމަކަށް ވާނެ ކަމަށާއި އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.