ރޯހިތް ޝެޓީ ޑައިރެކްޓްކުރި ފިލްމު ސިމްބާ މިވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. ފިލްމުގައި ރަންވީރު ސިންގް އާއި ސާރާ ލީޑު ރޯލުން ފެނިގެން ދާއިރު ފިލްމު ނިމޭއިރު ބެލުންތެރިންނަށް ސަޕްރައިޒެއްވެސް ލިބިގެންދެއެވެ.
ފިލްމު ނިމޭއިރު ރޯހިތްގެ އާ ފިލްމު "ސޫރްޔަވަންޝީ" އިއުލާން ކުރެއެވެ. އަދި އޭގެ ބަތަލަކީ އަކްޝޭ ކުމާރު ކަންވެސް އިއުލާން ކުރެއެވެ.
މިއީ އަކްޝޭ އަދި ރޯހިތް އެކީގައި ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ފިލްމުގެ މަސައްކަތް އޭޕްރިލްމަހު ފަށާގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ. ސިމްބާ ގޮތަށް މި ފިލްމަކީވެސް ފުލުހަކާ ބެހޭ ގޮތުން ހަދާ ފިލްމެކެވެ.
ތުންތުން މަތިން މިހާރު ދެކެވޭ ވާހަކަ އަކީ އަކްޝޭ އާ އެކު ފިލްމުގައި ބަތަލާގެ ރޯލުގައި ފެނިގެން ދާނީ ކާކުތޯ ކަން ޔަގީން ނުވާތީ އެވާހަކައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެން ދާނީ ޕޫޖާ ހެޖްއެވެ. އަކްޝޭ ވެސް ވަނީ ޕޫޖާ މި ފިލްމުގެ ބަތަލާ އަކަށް ނެގުމަށް ރޯހިތު ކައިރީ އެދިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރިން އަކްޝޭ އާ ޕޫޖާ ވަނީ "ހައުސްފުލް 4" ގައި މަސައްކަތް ކޮށްފައެވެ.
ނަމަވެސް އަދި ރަސްމީކޮށް ފިލްމުގެ ބަތަލާ އަކީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގައި އަކްޝޭ އަކީ އޭޓީއެސް އޮފިސަރެކެވެ.