މުޙައްމަދު ޝަމްޢޫން
އިނގެރޭސި ރާނީގެ އުފަން ދުވަހާއި ގުޅުވައިގެން ދޭ އިނގިރޭސި އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ، މެމްބަރ އޮފް ދަ އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އެމްބީއީ) އެވޯޑު މާކަސް ރަޝްފޯޑަށް އަރުވައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް، އުމުރުން އެންމެ 22 އަހަރުގެ ރަޝްފޯޑަށް އަރުވާފައި ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން މިލިއަނަކަށްވުރެ ގިނަ ކުދިންނަކަށް ހިލޭ ކެއުން ހަމަޖެއްސުމަށް އޭނާ ހިންގަމުން އަންނަ ބޮޑު ކެމްޕޭނުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ރަޝްފޯޑުގެ ކެމްޕޭނަކީ ވަލްނަރަބަލް ކުދިންނަށް އަމާޒުކޮށް ހިންގާފައިވާ ސްކޫލް މީލް ޕެކޭޖުގެ ކެމްޕޭނެކެވެ. ކޮވިޑްގެ ހާލަތުގައި އެ ކެމްޕޭނު ބޮޑުތަނުން ފުޅާ ވެ، ގިނަ ކުންފުނިތަކުން އެންޑޯޒްވެސް ކޮށްފައި ވެއެވެ. މިހާރު ރަޝްފޯޑުގެ މިސްރާބު ހިފާފައި ހުރީ ސަރުކާރާވެސް ގުޅިގެން މުޅި ގައުމުގައި ހިންގޭ ބޮޑު ހަރާކާތެއްގެ ގޮތުގައި، ކުދިންނަށް ހިލޭ ކެއުން ފޯރުކޮށްދޭނެ ކެމްޕޭން ހިންގުމަށެވެ.
ރަޝްފޯޑު ކޮވިޑް 19ގެ ހާލަތުގައި ހިންގި ކެމްޕޭނުގެ ތެރެއިން 1.3 މިލިއަން ކުދިންނަށް ވަނީ ހިލޭ މީލް ޕެކް ވައުޗަރު ދީފައެވެ. ރަޝްފޯޑުގެ ކެމްޕޭން ހިންގުމަށް އިނގިރޭސިވިލާތުގެ މަޖިލީހަށް ހުށަހެޅި ސިޓީއާ ގުޅިގެން، ކެމްޕޭނު މުޅި ގައުމުގައި ހިންގުމަށް މިހާރު ހުއްދަ ދީފައިވާއިރު، ރަޝްފޯޑުގެ ސިޓީގައި ބުނެފައި ވަނީ އޭނާއަކީވެސް ސްކޫލް ދައުރުގައި ހިލޭ ދޭ މީލް ޕެކަށް ބަރޯސާވެ އުޅެން ޖެހުނު މީހެއް ކަމަށެވެ.
އެވޯޑާއި ގުޅިގެން ރަޝްފޯޑް ބުނެފައި ވަނީ ކެމްޕޭން ހިންގަމުންދިޔައީ މަންމައާއި އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއްގެ ތެރެއިން ކަމަށާއި، "ފަހުރުވެރި އެ އެވޯޑަކީ" ލިބޭނެ ކަމަށް އުންމީދު ކުރި އެވޯޑެއް ނޫން ކަމަށެވެ. އޭގެ އިތުރުން ރަޝްފޯޑް ބުނެފައި ވަނީ އެވޯޑަށްވުރެ ބޮޑަށް މިހާރު ފޯކަސް ހުރީ މުޅި ގައުމުގައި ބަނޑުހައި ހޫނު ކަމުގައި ތިބި ހުރިހާ ކުދިންނަށް ބޭނުންވާ ވަރަށް ފަންޑު ހޯދުމަށް ސަރުކާރާއެކު ބޮޑު ކެމްޕޭނެއް ފެށުމަށް ކަަށެވެ. އެކަމަށްޓަކައި ރަޝްފޯޑު ވަނީ ޕްރައިމް މިނިސްޓަރު ބޮރިސް ޖޯންސަންއާ ބައްދަލުކުރަންވެސް އެދިފައެވެ.
ރަޝްފޯޑަށް އިނގިރޭސި ރާނީގެ ހާއްސަ އެވޯޑު އަރުވާފައިވާއިރު، އޭނާގެ ކެމްޕޭނުގައި އެހެން ބައެއް ފުޓުބޯޅަ ތަރިންގެ އެހީތެރިކަންވެސް ފާހަގަކުރެވިފައި ވެއެވެ. ޒުވާން އުމުރުން ފެށިގެން ޔުނައިޓެޑަށް ކުޅެމުން އަންނަ ރަޝްފޯޑަކީ އިންގްލެންޑް ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ.