ކުޅިވަރު

ބުރަކަށްޓަށް އަނިޔާވެ، ނޭމާ އަށް ބްރެޒިލް މެޗުގައި ނުކުޅޭނެ!

ބުރަކަށްޓަށް އަނިޔާވެ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ބްރެޒިލްއިން ކުޅޭ މެޗުގައި ނޭމާ ނުކުޅޭނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ބޮލީވިއާ އާ ދެކޮޅަށް މިރޭ ބްރެޒިލް ކުޅޭ މެޗުގެ ކުރިން ކުރަމުންދިޔަ ފަރިތަކުރުންތަކުގައި ނޭމާއަށް އަނިޔާވެފައިވާއިރު، ތަމްރީނުތަކުގެ ތެރެއިން ބުރަކަށީގައި އަތް އަޅައިގެން ނޭމާ ދަނޑުމަތިން ފައިބާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ކޯޗު ޓީޓޭ ބުނެފައި ވަނީ ނޭމާއަށް އަނިޔާއެއް ލިބިފައިވާ ކަމަށާއި، އެ އަނިޔާގެ ތަފްސީލު އަދި ލިބިފައި ނުވާ ކަމަށެވެ.

މިއަދުގެ ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިވެފައި ނުވާއިރު، ކޯޗު ޓީޓޭ ބުނެފައި ވަނީ ނޭމާގެ ބަދަލުގައި ސްކޮޑުގައި އެވަޓަން ހިމަނަން ތައްޔާރުވެފައިވާ ކަމަށެވެ.

މިރޭ ފަތިހު ރާއްޖޭ ގަޑިން 5:30ގައި އޮންނަ މެޗަށް ބްރެޒިލް ނުކުންނަން ޖެހެނީ އަނިޔާގައި ތިބި ގޯލްކީޕަރު އެލިސަން ބެކާގެ އިތުރުން ފޯވަޑް ގެބްރިއަލް ޖެސޫސްވެސް ނުލައެވެ. އެ ކުޅުންތެރިންނަށް ކްލަބަށް ކުޅެނިކޮށް އަނިޔާވެފައިވުމާއެކު ސްކޮޑުގައިވެސް ހިމަނާފައެއް ނުވެއެވެ. މިފަހަރު ބްރެޒިލްގެ ސްކޮޑު ނަގާފައި ވަނީ ބޮލިވީއާގެ އިތުރުން ޕެރޫއާ ދެކޮޅަށް ކުޅުމަށެވެ.

ބްރެޒިލްގެ ކޯޗު ބުނެފައިވާ ގޮތުގައި މިރޭގެ މެޗުގައި ބްރެޒިލްގެ ކެޕްޓަންކަން ކުރާނީ ކަސަމޭރޯއެވެ. އެއީ އާންމުކޮށް ބޭންޑް އަޅައިގެން ކުޅޭ ޑިފެންޑަރު ޑެނީ އަލްވޭސްއަށް އަނިޔާ ވެ، ޓީމުގައި ހިމެނިފައި ނެތުމުންނެވެ.

ބްރެޒިލް ގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ކޮވިޑް 19 އާއި ގުޅިގެން ވަރަށް ބޮޑަށް ވަނީ ފަސްވެގެން ގޮސްފައެވެ.

2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އުފުލައިލި ބްރެޒިލަށް އެންމެފަހުން ވޯލްޑް ކަޕެއް ނެގިފައި ވަނީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން ބްރެޒިލަށް ވޯލްޑް ކަޕެއްގެ ފައިނަލަށް ދެވިފައެއް ނުވެއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ބްރެޒިލްގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު ވޯލްޑް ކަޕެއް ނަމަވެސް، އެ މުބާރާތް ނިމުނީ ލަދުވެތި ގޮތަކަށެވެ. ސެމީ ފައިނަލްގައި ޖަރުމަނު އަތުން ބަލިވީ 7-1 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގެ ކޯޗު ބުނެފައި ވަނީ ވޯލްޑް ކަޕެއް ހޯދުމަށް މިހާރު އޮތް ބްރެޒިލްގެ ޓީމަށް ފުރުސަތު އެބައޮތް ކަމަށާއި، އެހެން ނަމަވެސް މިހާރު އޮތް ޓީމަކީ އަދި ތައްޔާރުވުމުގެ މަރުހަލާގައި އޮތް ޓީމެއް ކަމަށެވެ.