ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލު ހުކުމް ތަންފިޒުކުރުމަށް އަނބުރާ ޖަލަށް ގެންދިޔައީ ކުރީގެ ސަރުކާރުގައި ޑޮކްޓަރުން ދީފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީން ދާދި ދެންމެ އަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން ގޭބަންދުގައި ބެހެއްޓުމަށް ޑޮކްޓަރުން ދީފައިވާ އިރުޝާދާއި ހިލާފަށް، ކަރެކްޝަނަލް ސާވިސްއިން އަނބުރާ ޖަލަށް އަދީބު ބަދަލުކޮށްފައިވަނީ ކުރީގެ ސަރުކާރުގައި ޑޮކްޓަރު ދީފައިވާ ލިޔުމެއް، ކުރީގެ ސަރުކާރުން އަމަލުނުކޮށް އޮއްވައި ކަމަށެވެ.
ޔާމީން ވިދާޅުވީ އަދީބު ޖަލަށް ބަދަލުކުރި ފަހުން އަނބުރާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ދިއުމުގެ ޒިންމާ ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ނަންގަވަންޖެހޭނެ ކަމަށެވެ.
''މިހާރު އަދީބު ޖަލަަށް ގެންދިއުމަށް ހޯމްމިނިސްޓްރީއާއި ކަރެކްޝަނުން އެރިއާޔަތް އެކުރަނީ މީގެ މާކުރީގައި ޑޮކްޓަރުން ދީފައިވާ ލިޔުމަކަށް. އެލިޔުމަށް ކުރީގެ ސަރުކާރުން އަމަލެއް ނުކުރޭ. އެލިޔުމަށް އަމަލުނުކޮށް އޮއްވައި މިސަރުކާރުން އެއަމަލުކުރީ އެ ލިޔުމަށް. ބޭސްފަރުވާއަށް އަމަލު ނުކުރުމަކީ އިހުމާލެއް. އެއީ އަނިޔާއެއް. އަދީބު އެހުންނެވީ ސިޔާސީ ބަންދެއްގައި.'' ޔާމީން ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ރަޝީދު ވިދާޅުވީ އެކި ކުށްތަކުގައި ޖަލުގައި މީގެކުރިން ތިބި ސިޔާސީ ލީޑަރުން މިނިވަންކުރި ގޮތައް އަދީބުވެސް މިނިވަން ކުރަންޖެހޭނެ ކަމަށެވެ.
އަދި އެބޭފުޅުންގެ މައްސަލަތައް އަލުން ރިވިއުކުރި ފަދައިން އަދީބުގެ މައްސަލަވެސް ރިވިއު ކުރެވެންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އަދީބުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވެ އެމްޓީޑީން މިއަދު ވަނީ އެޗްއާރުސީއެމްއާ ބައްދަލުކޮށްފައެވެ. ރެއިން ފެށިގެން އަދީބުއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
އަދީބު ޖަލަށް ބަދަލުކުރި މައްސަލައިގައި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން ކަމަށާއި އޭގެ ފަހުން އަދީބު ގޭގައި ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވާފައި ނުވާ ކަމަށެވެ.
އަދީބު ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު 27 ގައެވެ. އަދީބުގެ މައްޗަށް ތަފާތު އެކި ކުށްތައް ސާބިތުވުމާއި ގުޅިގެން ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.