ޝަހީދާ އަބްދުﷲ ސައީދު
މާލޭގެ މަގުމައްޗަށް ކުނި އެޅި ތިން މީހެއްގެ ނަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އާންމުކޮށްފިއެވެ.
އީޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި، މަގުމައްޗަށް ކުނި އެޅުމުން ނަން ހާމަކޮށް ޖޫރިމަނާކޮށްފައިވަނީ ހދ. ނޭކުރެންދޫ ފްލާވަރ ހައުސް ޒުބައިދާ އަލީ އާއި ބ. ތުޅާދޫ މޫރިތިގޭ ހުޝާމް އަލީ އާއި އަދި ޅ. ނައިފަރު ގުލްހަޒާރުގެ އަބްދުﷲ މާހިރުއެވެ. އޭގެ ތެރެއިން ޒުބެއިދާ ކުނި އަޅާފައިވަނީ ޗާންދަނީ މަގުގައި ހުންނަ ގޮމަށިގޭ ކަންމައްޗަށެވެ. އަދި ހުޝާމް ކުނިތައް އަޅާފައިވަނީ މއ. ދެވިނަމަގުގައި ހުންނަ ޝިފްރާން ކަންމައްޗަށެވެ. އަދި އަބްދުﷲ މާހިރު ކުނި އަޅާފައިވަނީ މުއިވެޔޮ މަގު، ގުލްހަޒާރު ގޯޅި ކޯނަރު ކަންމައްޗަށެވެ.
މި ތިންމީހުން ކުނިއަޅާފައިވާ ފޮޓޯ އީޕީއޭއިން ވަނީ ޓުވީޓުކޮށްފައެވެ. މަގުމައްޗަށް ކުނި އަޅައިގެން ޖޫރިމަނާކުރި މިއީ ދެވަނަ ފަހަރެވެ. މަގުމައްޗަށް ކުނިއަޅައިގެން، އެންމެ ފުރަތަމަ މީހަކު ޖޫރިމަނާކޮށް ނަން ހާމަކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
މަގުމައްޗަށް ނުކިއަޅައި މީހުންގެ ނަންތައް ހާމަކޮށް، ޖޫރިމަނާކުރުމުގެ ބާރު އީޕީއޭއަށް އޮވެއެވެ.
ގާނޫނުގައިވާ ގޮތުން ކުނި އަޅައިގެން ފުރަތަމަ ފަހަރު ޖޫރިމަނާގެ ގޮތުގައި ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނަގާނެއެވެ. އަދި އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭއަށް ލިބިގެންވެއެވެ.