އެޕަލް އިން މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ހާއްސަ އިވެންޓުގައި އެޕަލްގެ އާ އައިފޯން ދައްކާލާނެ ކަމަށް ބެލެވެއެވެ.
އެޕަލް އިން ވަނީ ކޮވިޑުގެ މި ހާލަތާ ގުޅިގެން މިމަހުގެ 13ގައި އެ އިވެންޓު ބާއްވަން ނިންމާފައިވަނީ އޮންލައިންކޮށް ކަމަށް އިއުލާންކޮށްފައެވެ. "ހައި ސްޕީޑް" ނަމުން ނަންދީފައިވާ ހާއްސަ އިވެންޓު އެޕަލްގެ ފޭނުންނަށް ވަރަށް ހާއްސަވާނެއެވެ.
މިދިޔަ މަހު އެޕަލް އިން ބޭއްވި އިވެންޓުގައި އެންމެ ފަހުގެ އެޕަލް ވޮޗް ސީރީސް 6 އަދި އައިޕެޑް އެއާގެ އިތުރުން އެހެން ތަފާތު ޕްރޮޑަކްޓްތަކެއް ވަނީ ދައްކާލައިފައެެވެ. ނަމަވެސް އެންމެން އިންތިޒާރުކުރަމުންދިޔަ އައިފޯންގެ އެއްވެސް މައުލޫމާތެއް އެ އިވެންޓުން ނުލިބުނެވެ.
މީގެކުރިން އެޕަލްއިން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާ އައިފޯނެއް ދައްކާލައެވެ. ނަމަވެސް މިއަހަރުގެ އައިފޯނު ލަސްވެދާނެ ކަމަށް އެޕަލް އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އެޕަލްގެ "ހައި ސްޕީޑް" އިވެންޓުގައި އާ އައިފޯނަށް ކުރަމުންދާ އިންތިޒާރު ނިމޭނެ ކަމަށް ބެލެވޭ އިރު، މިފަހަރުގެ އައިފޯނަކީ އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީ އާއެކު ތައާރަފު ކުރާ ފޯނެއް ކަމަށްވެސް ވަނީ ބެލެވިފައެވެ.