މާލެ

ބުރިޖުގައި ސްޕީޑު ކެމެރާ ހަރުކޮށް، ގަވައިދާ ހިލާފުވާ މީހުންގެ ފޯނަށް އެސްއެމްއެސް ލިބޭ ނިޒާމެއް ގާއިމުކުރަނީ!

ބުރިޖާއި ހައިވޭގައި ދުއްވާ ބާރުމިން ދެނެގަތުމަށްޓަކައި ކެމެރާ ހަރުކޮށް، ގައިވައިދާ ޚިލާފުވާ ފަރާތްތަކުގެ ފޯނަށް ވަގުތުން އެސްއެމްއެސް ފޮނުވާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، ބުރިޖާއި ހައިވޭގައި ސަރވައިލަންސް ކެމެރާ ހަރުކުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ސަރވޭ އާއި، ދިސާރާގެ މަސައްކަތް ނިމި، ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އަދި ބުރިޖާއި ހައިވޭމަތީގައި ދުއްވާ ފަރާތްތަކުގެ ތެރެއިން ގަވައިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކޮށް، ޖޫރިމަނާކުރިކަން އެސްއެމްއެސްއަކުން ވަގުތުން އެނގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މުހައްމަދު ޙަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބުރިޖާއި ހައިވޭގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ކޮމާންޑް ސެންޓަރެއް ގާއިމުކޮށް، ގަވައިދާ ޚިލާފަށް ދުއްވުމާއި، ލޭން ބަދަލުކުރާނަމަ އެފަރާތަކަށް ކޮމާންޑު ސެންޓަރުން ވަގުތުން އަންގާނެ ކަމަށެވެ.

އަދި ބުރިޖުގެ ކޮންމެ 100 މީޓަރެއް ވަކިން ލޭން ބަދަލުކުރާ ފަރާތްތަކަށް ކޮމާންޑު ސެންޓަރުން އެ މައުލޫމާތު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބުރިޖާއި ހައިވޭގައި މިހާތަނަށް ގިނަ އެކްސިޑެންޓުތައް ހިނގާފައިވާއިރު، އޭގެ ތެރެއިން ބައެއް އެކްސިޑެންޓުތަކުގައި ބައެއް މީހުންނަށް ސީރިއަސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.