ސުޝާންތު ސިންގު ރާޖުޕުތުގެ މަރާ އެކު ބޮލީވުޑްގައި މިހުރިހާ ދުވަސްވަންދެން ފޮރުވިފައި ހުރި ގިނަ މައްސަލަތަކަކުން ފަރުދާ ކެހިއްޖެ ކަމަށް މަޝްހޫރު ބަތަލު އަކްޝޭ ކުމާރު ބުނެފިއެވެ.
ޓުވީޓާގައި ހިއްސާކުރި ވީޑިއޯއެއްގައި އަކްޝޭ ބުނީ ސުޝާންތުގެ މަރާއި ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯގެ ފަރާތުން މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގު ކުރަން ފެށުމުން އިންޑަސްޓްރީގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އެނގިގެން ދިޔަ ކަމަށެވެ.
އަކްޝޭ ބުނީ މަސްތުވާތަކެތީގެ މައްސަލައަކީ ހުރިހާ އިންޑަސްޓްރީތަކެއްގައި ވެސް އޮންނަ މައްސަލައެއް ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރަނީ ހަމައެކަނި ބޮލީވުޑް ގެ ތަރިން ނޫން ކަން ފާހަގަކުރަމުން އަކްޝޭ ބުނީ އިންޑަސްޓްރީގެ އެއްބަޔަކު ކުރާ ކަމެއް މުޅި އިންޑަސްޓްރީ ގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކަކީ ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކެއް ކަން ފާހަގަކުރަމުން އަކްޝޭ ވަނީ އެންސީބީ އިން ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުނެފައެވެ.