މަސްތުވާތަކެތީގެ މައްސަލަތައް

ބައިނަލްއަގްވާމީ ފެންވަރުގައި ޑުރަގް ޓްރެފިކް ކުރާ ނެޓްވޯކެއްގެ ބަޔަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފި

ބައިނަލްއަގްވާމީ ފެންވަރުގައި ޑުރަގް ޓްރެފިކް ކުރާ ނެޓްވޯކެއްގެ ބަޔަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ބީއޯއެލް ނޫހުގައި ބުނެފައިވާ ގޮތުން، އެ މީހުން އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން އަރަބި ކަނޑާގުޅޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނެވެ. އެ ނެޓްވޯކާޢެކު އެތައް ބިލިއަން ޕާކިސްތާން ރުޕީސްގެ ޑްރަގް އަތުލައިގަތް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

އެ ނޫހުން ވަނީ ޑުރަގް ނެޓްވޯކް އަތުލައިގަތް ކުރު ވީޑިއޯއެއް ވެސް ހިމަނައިފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ޑިންގީއެއްގައި ތިބި ބަޔަކު ފުލުހުން ފެނުމުން އެއްޗެހިތަކެއް ބަންދުކޮށްފައި ހުރި ގޯނިތަކެއް ކަނޑުމައްޗަށް އުކާލައިފަ އެވެ. އަދި ހިއްސާ ކޮށްފައިވާ ފޮޓޯއެއްގައި ބައެއް ގޯނިތައް އަރުވާފައި ހުރި ޑިންގީއެއްގެ ތެރޭގައި މީހަކު ފަހަތަށް ބިޑި އަޅުވާފައި ބައިންދާފައި އިންނަތަން ފެނެ އެވެ.

ޕާކިސްތާނުގެ އިތުރު ނޫހެއްގައި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ ތަރުޖަމާނާ ހަވާލާދީ ބުނެފައިވަނީ، އެ އޮޕަރޭޝަންގައި ތިން މީހަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ފެންވަރުގައި ޑުރަގް ޓްރެފިކްކުރާ ތިން މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު ޕާކިސްތާނުގެ މީޑިއާތަކުގައި ވެސް އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ޑުރަގް ނެޓްވޯކް އަތުލައިގަތް ކުރު ވީޑިއޯ ---