ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަންގެ މަގާމަށް ތ. ވިލުފުށި، ހުސްނުހީނާގެ، އިބްރާހީމް ހިލްމީ އައްޔަން ކުރައްވައިފި އެވެ.
ޕީއެސްއެމްގެ ޗެއާމަނަކަށް އޭނާ މިއަދު އައްޔަން ކުރެއްވިއިރު ހިލްމީއަކީ ޕީއެސްއެމްގެ ބޯޑުގައި ކުރީން ހިމެނިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ހިލްމީ ވަނީ އޭރު ޕީއެސްއެމްގެ ބޯޑުގެ ވައިސް ޗެއާމަންގެ މަގާމުވެސް އަދާކުރައްވާފައެވެ.
ހިލްމީގެ އިތުރުން ޕީއެސްއެމްގެ ބޯޑު މެމްބަރެއްގެ މަގާމަށް މިއަދު ވަނީ ގ. ހިލްމަން، މަރިޔަމް ވަހީދާ އައްޔަންކުރައްވާފައެވެ.
މަރިޔަމް ވަހީދާ ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްވަންދެއް މަސައްކަތްކުރައްވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ މީގެކުރީން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.
ޕީއެސްއެމްގެ އިތުރު މަގާމުތަކަށްވެސް ވަނީ ދާދި ފަހުން ބޭފުޅުން އައްޔަންކުރައްވާފައެވެ. އެގޮތުން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލީ ޚާލިދު އައްޔަން ކުރައްވާފައިވާއިރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ. ޕްރިޓީ ވިލާ، މުހައްމަދު ޝަމީމް ވަނީ އައްޔަން ކުރައްވާފައެވެ.