ހުކުރު ޚުތުބާ

އިންސާނާ ހަމައެކަނި އޭނާ ހެއްދެވުނު ގޮތާމެދު ވިސްނުމުން ވެސް ﷲގެ ކުޅަދުންވަންތަކަށް ހިތަށް ވެރިވެގެންދާނެ: ހުތުބާ

އިންސާނާ ހަމައެކަނި އޭނާ ހެއްދެވުނު ގޮތާމެދު ވިސްނައި ފިކުރުކުރުމުން ވެސް މާތް ﷲގެ ކުޅަދުންވަންތަކަށް ހިތަށް ވެރިވެގެންދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މުޝްރިކުންނާއި މުލްހިދުން ވަނީ މަހުޝަރު ކުރެއްވުން ދޮގުކޮށްފައި ކަމަށާއި މަރުވެފައިވާ ތަކެތި ދިރުއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވާކަން އެމީހުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެތަކެތި ދިރުއްވުމާ މެދު އިންކާރު ކުރާ އިރު، އެކަލާނގެ ކުޅަދުންވަންތަ ކަމުގެ އެންމެ ބޮޑު ހެކި ކަމުގައިވާ އިންސާނާގެ ނަފުސަށް ވެސް އެމީހުން ނުބަލާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އިންސާނާ ހަމައެކަނި އޭނާ ހެއްދެވުނު ގޮތާ މެދު ވިސްނައި ފިކުރު ކުރިނަމަ ވެސް، އޭނާގެ އީމާންތެރިކަން ވަރުގަދަވެ، ﷲ ތައާލާގެ ކުޅަދުންވަންތަކަން އޭނާގެ ހިތަށް ވެރިވެގެންދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މާތް ﷲ އިންސާނާ ހަލްގު ކުރައްވައި، ހަޔާތުގެ ފެށުމާއި ނިމުމުގެ ރާސްތާ ދެއްކެވި ކަމަށާއި ގަދަފަދަކަމާއި ބަލިކަށިކަން އޭނާގެ ހަޔާތުގައި ލެއްވި ކަމަށެވެ. އަދި އޭނާގެ މަންމަގެ ބަނޑުގައި މަރުހަލާތަކެއް ހޭދަކުރާ ގޮތަށް އަށަގެންނެވި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ބަލިކަށި ކަމަށް ފަހު، ބާރެއް ލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވެވިއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާ ކަމެއްގެ ގޮތުގައެވެ. މާތް ﷲ އިންސާނާއަށް ބުއްދި ދެއްވިއެވެ. އަދި އިންސާނާގެ ހިދުމަތުގައި އެކަލާނގެ ހައްދަވާފައިވާ މަހުލޫގުން ލެއްވިއެވެ. އަދި އަމާނާތްތައް އުފުލައި ބިން ތަޢްމީރު ކުރުމުގެ ޒިންމާ އިންސާނާއާ ހަވާލުކުރެއްވިއެވެ. ނަމަވެސް ބަޔަކު އީމާންވެ، އަނެއް ބަޔަކު ކާފަރުވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ބިންމަތީގައި އުފެދުނު ކޯޅުމަކީ އީމާންކަމާއި ކާފިރުކަމާ ދެމެދު އުފެދުނު ކޯޅުމެއް ކަމަށާއި ހިދާޔަތާއި އަނދިރި ކަމާ ދެމެދު އުފެދުނު އަރައިރުމެއް ކަމަށެވެ. އަދި އެއީ ހައްގާއި ބާތިލާ ދެމެދު އުފެދުނު ދެބަސްވުމެއް ކަމަށް ވެސް ބުނެފައިވެއެވެ.

"މި ދެބަސްވުން ގިޔާމަތާ ޖެހެންދެން ސާބިތުކަން މަތީގައި ދެމިތިބޭނެއެވެ. އަދި އެއުރެންނަށް ﷲ ތައާލާގެ ނަސްރާއި މަދަދު ލިބި، އާހިރަތުގައި ދާއިމީ ނިއުމަތް ލިބޭނެއެވެ. އަދި ހައްގުގެ މަގު ދޫކޮށް ބާތިލު ގޮތްތަކަށް ތަބާވާ މީހުންނަށް ނިކަމެތިކަން ލިބި، އާހިރަތުގައި ދާއިމީ އަޒާބު އެއުރެންގެ މައްޗަށް ހުށަހެޅިގެންދާނެއެވެ. މިގޮތުން ފިރުއައުނާއި އޭނާގެ ލަޝްވަރު ޣަރަގު ކުރެއްވިއެވެ. އާދު ބާގާ މީހުންގެ މައްޗަށް ގަދަފަދަ ވައެއް ފޮނުއްވިއެވެ. ގަދަ އަޑެއް ފޮނުއްވައި ސަމޫދު ބާގާ މީހުން ނެތި ކުރެއްވިއެވެ. ގާރޫނާއި އޭނާގެ ގޯތި ގެދޮރު ބިމުގެ ތެރެއަށް ގަންބަވައިގެންނެވިއެވެ. ދެކޮޅު ހަދައި، ނަހީކުރެއްވި ކަންތައްތަކަށް އަރައިގަނެ، އެކަލާނގެ އަމުރުފުޅުތަކަށް އިންކާރުކުރި އެތައް ބަޔަކު ނެތި ކުރެއްވިއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ މާތްﷲ އެކަލާނގެއަށް އުރެދި ހައްގުގެ މަގުން އެއްކިބާވި މީހުންނަށް އެކަލާނގެ ކުޅަދުންވަންތަކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަވާފައިވާ ކަމަށެވެ.