ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް 60 ޕަސަންޓް ވޯޓު ހޯދޭނެ: ރައީސް ނަޝީދު

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 60 ޕަސަންޓް ވޯޓު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަނދުން ހުސައިންގެ ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް 60 ޕަސަންޓް ވޯޓު ހޯދޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް މިއަދު ޝައްކެއް ނުހިނގާ އަޅުގަނޑުމެންނަށް 60 ޕަސަންޓް ވޯޓު އިރާދަކުރެއްވިއްޔާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބޭނެ. އޭޕްރީލް ހަވަނަ ދުވަހު ހަވީރު ފަހެއް ޖަހާ އިރުގައި އަޑުއައްސަވަން ތިއްބަވާ އަނެއްކާވެސް ޓީވީ ސްކްރީނުގައި ހުރިހާ ގޮނޑިއެއް ރީނދޫވަމުންދާ ތަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ތިންވަނަ ފަހަރު ކަމަށާއި ދެ ފަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނު ނަމަވެސް، އެމްޑީޕީއަށް އަދި މަޖިލިސް އިންތިހާބު ކާމިޔާބުނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިފަހަރުގެ އިންތިހާބުގައި އެކަން ތަފާތު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނޭ މާލޭގެ 15 ގޮނޑި އެއް އަޑުން އެމްޑީޕީއަށް އިރާދަކުރެއްވިއްޔާ އަންނާނެކަން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މިހާރު ތަސައްރަފު ފުދިފައިވާ 13 އަހަރުވީ ޕާޓީއެއް. މިފަހަރު ތަފާތުވާނެ. މިއީ 2009 އެއް ނޫން، މިއީ 2014 އެއް ވެސް ނޫން، މިއީ 2019،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ގާނޫނީ ދައުލަތެއް ހިންގުމަށް ބާރު އަޅައިދޭ މަޖިލީހަކަށް ކަމަށާއި މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދިނުމަށް މުޅި ރާއްޖެ ބުނަމުން އަންނަ އަޑު ވަރަށް ސާފުކޮށް އިވެމުންދާ ކަމަށެވެ.