އަހްމަދު ފާރިސް މައުމޫން

ކަފާލާތުގެ ދަށުން ފާރިސް މިނިވަންކޮށްފި

މުހައްމަދު އައުޒަމް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންކޮށްފިއެވެ.

ކަފާލާތުގެ ދަށުން ފާރިސް މިނިވަންކުރީ ހައިކޯޓުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު އަމުރެއްގެ ދަށުންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސޮއިކުރައްވައި މިއަދު ކުރި އަމުރުގައި ބުނެފައި ވަނީ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުން މިއަދު ބޭއްވިއިރު، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ މައްޗަށާއި ހުކުމުގެ ބާވަތަށާއި އަދި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް، އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑަޅަންދެން، ހުކުމް ތަންފީޒު ކުރަމުންދާ މީހާ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށްވާ އިގްރާރުގައިވާ ޝަރުތުތަކާއި އެއްގޮތަށް އަމަލުކުރުމަށް ޝަރުތުކޮށް ހައި ކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ބެހެއްޓުމަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެއެވެ. ނަމަވެސް އެ ޝަރުތުތަކަކީ ކޮބައިކަމެއް އަދި ނޭނގެއެވެ.

ކްރިމިނަލް ކޯޓުން ފާރިސަށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

ޝަޚްސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޕީއެމްގެ ހުއްދަނެތި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން، އެ ޕާޓީގެ ނަމުގައި ނިއުސް ކޮންފަރެންސެއް ދީފައިވާ ކަމަށް ބުނެއެވެ.