އެމިރޭޓްސް

އެމިރޭޓްސް އިން ރާއްޖެއަށް ކޮންމެ ދުވަހަކު ދަތުރު ބާއްވަނީ

އަލީ ޔާމިން

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް ކޮންމެ ދުވަހު ފްލައިޓުތައް ބާއްވަން ނިންމައިފިއެވެ.

އެމިރޭޓްސްއިން މިހާރު ހަފުތާއަކު ހަ ފްލައިޓު ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ދެމެދު ބާއްވައެވެ.

އެމްއޭސީއެލްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، އެމިރޭޓްސްގެ ދަތުރުތަކުގެ ފްރިކުއެންސީ އިތުރުކޮށް ރާއްޖެއަށް ހަފުތާގެ ކޮންމެ ދުވަހަކު ދަތުރު ބާއްވަން އެ އެއާލައިނުން ހަމަޖައްސާފައިވާ ކަމަށެވެ.

އެމިރޭޓްސްް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން777 މަރުކާގެ ބޯޓެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު، ބޯޑަރުތައް ހުޅުވާލައި ބައިނަލްއަގުވާމީ ދަތުރުތަކަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް ހިމެއެވެ.

އެމިރޭޓްސްއަކީ މެދުއިރުމައްޗާއި ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނެވެ. އެ އެއާލައިނަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިންވެސް މެއެވެ.