ބޮލީވުޑް ތަރި ރިތިކް ރޯޝަން ލީޑް ރޯލު ކުޅޭ ފިލްމު "ސުޕަރ" 30 ރިލީސް ކުރުމުގައި މިހާ ތަނަށް ގިނަ ހުރަސް ތަކާ ވަނީ ކުރިމަތި ވެފައެވެ.
މަޝްހޫރު ހިސާބު ޢިލްމުވެރިޔާ އާނަންދު ކުމާރުގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ މި ފިލްމަކީ 2002 ވަނަ އަހަރު ފެށިގެން ދިޔަ، ކިޔެވުމުގެ ޕްރޮގްރާމަކަށް ޚާއްސަކޮށްގެން ހަދާ ފިލްމެކެވެ.
ފިލްމު ނެރުމުގައި މައްސަލަތައް ފުރަތަމަ ދިމާވީ ފިލްމުގެ ޑައިރެކްޓަރ ވިކާސް ބެލް، ފިލްމުގެ ޕްރޮޑަކްޝަން ހައުސް "ޕެންޓޮމް ފިލްމްސް" ގެ ކުރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުތަމު ކުރެވިގެންނެވެ. އޭގެ ފަހުން ފިލްމުގެ ކޯ ޕްރޮޑިއުސަރުން ކަމުގައިވާ ރިލައެންސް އެންޓަޓެއިންމަންޓް ގެ ފަރާތުން، ފިލްމު ރިލީސް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތި ވެގެން ދިޔައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޑައިރެކްޓަރ، ކަރަން ޖޯހަރު މިހާރު ވަނީ ފިލްމު ސަލާމަތް ކުރުމަށް އަތުކުރި އޮޅާލާފައެވެ. ކަރަން ވަނީ ފިލްމު ސިމްބާ ހެދުމަށް ރިލައެންސް ކުންފުންޏާ އެކީގައި މަސައްކަތް ކޮށްފައެވެ. އެހެން ކަމުން އޭނާގެ ގުޅުން، އެ ކުންފުންޏާ އެކު ރަނގަޅު ކަމުގައި ވާތީ "ސުޕަރ 30" ނިންމުމަށްވެސް ކަރަން ވަނީ ރިލައެންސްގައި ވަކާލާތު ކޮށްފައެވެ. އެހެންކަމުން ކަރަންގެ މި އެދުން އެކުންފުނިން ގަބޫލު ކޮށް ފިލްމު ރިލީސް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
މިއަހަރުގެ އޭޕްރީލްމަހުގައި މި ފިލްމު ރިލީސް ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.