ހައުސިން މިނިސްޓްރީ

ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނަން: މާރިޔާ

މުހައްމަދު އައުޒަމް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން އަލުން ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފްލެޓް ދޫކުރުމުގެ ކަންކަން ވެސް އުސޫލާއި ހަމައިގެ ބޭރުން ކަންކަން ކުރާ ކަމުގެ ޝަކުވާތައް އަންނަ ކަން މާރިޔާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި އަނެއްކާވެސް ފްލެޓް ފޯމު ފުރުމުގެ ފުރުސަތު އަލުން ހުޅުވާލާނަން. އުސޫލާއި ހަމައިގެ ބޭރުން އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް އަޅުގަނޑުމެންނަށް ފެނިއްޖެ ކަމަށްވަންޏާ، ދެން އެކަމެއް އެގޮތަށް ކުރިއަށްދިއުމަށް ތަނެއް ނުދޭނަން. އެހެންވީމާ ސާފުކޮށް އަޅުގަނޑުމެން މިހާރުވެސް މިދަންނަވަނީ ވަރަށް ގިނަ ފަރާތްތައް ކަންބޮޑުވޭ، ތިމަންނަމެން ރަނގަޅު ގޮތުގައި ކަންކަން ގެންދަންވެގެން މަޑުކޮށްލައިގެން ތިބުން ކިހިނެއްހޭ ވާނީ،" އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައް ކުރި ކަމުގައިވިޔަސް، އުސޫލާއި ހަމައިގެ ބޭރުން ކަން ކުރެވިފައިވާ ކަމަށްވަންޏާ، އެއީ އަންނަން އޮތް ސަރުކާރުން ބަލައިގަންނާނެ ކަމައް ނޫން ކަމަށެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން މި ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ފްލެޓްތަކަށް ފޯމު ހުށަހެޅުމަށް އެތައް ބަޔަކު މިއަދު ވަނީ ކިޔޫގައި ޖެހިފައެވެ. މިއަދަކީ ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހެވެ.