ވިޔަފާރި

ޓީޓީއެމްގައި ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓީޓީއެމް 2019ގައި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވައިލާފައިވާއިރު އެ ފުރުސަތު މިމަހުގެ 31ގެ ނިޔަލަށް އޮންނާނެ ކަމަށް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓްއަވޭސްއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގެޓްއަވޭސްގެ އޮފިޝަަލަކު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންމެ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޓުއާ އޮޕަރޭޓުންނަށް ހިލޭ ރެޖިސްޓާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަބަދުވެސް ދިވެހި ޓުއާ އޮޕަރޭޓަރުންނަށް ހިލޭ ރެޖިސްޓާ ކުރުމުގެ ފުރުސަތު އޮންނާނެ. އެކަމު ގިނަ ބަޔަކަށް ނޭނގެ އަސްލު ޓުއާ އޮޕަރޭޓަރުންނަށް ހިލޭ ރެޖިސްޓާ ކުރެވޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގެޓްއަވޭސްއިން ބުނެފައިވަނީ ފެއާގައި ރެޖިސްޓްރީކުރާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ފެއާގައި ބޭނުންކުރުމަށް ހާއްސަ ސޮފްޓްވެއާއަކާއި ކޮމްޕްލިމެންޓްރީ ބުއިންތައް ލިބުން ހިމެނެއެވެ.

ޓީޓީއެމް 2019ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވޭނީ އެންމެ ގިނަ ވެގެން 200 ފަރާތަކަށް ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވްސް ގެޓްއަވޭސް އިން ބުނެފައިވަނީ ފާއިތުވި ދެ އަހަރު ބޭއްވި ފެއާއަށްވުރެ މިއަހަރުގެ ފެއާ އެތައް ގުނައެއް ފުރިހަމަ ވާނެ ކަމަށެވެ.

މިއަހަރުގެ ޓީޓީއެމް ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަަހުގެ 20، 21 އަދި 22 ގައެވެ.