ޕީޕީއެމް

ރައީސް ޔާމީނަކީ ކަނޑުފަޅު ދަންނަ ކެޔޮޅެއް، އުންމީދުތައް ހާސިލް ކުރާނަން: އައްސަދު

މުހައްމަދު އައުޒަމް

ޕީޕީއެމްގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ކަނޑުފަޅު ދަންނަ ކެޔޮޅެއް ކަމަށާއި އެ ޕާޓީގެ އުންމީދުތައް އެމަނިކުފާނާ އެކު ހާސިލްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްސަދު ވިދާޅުވީ އެ ޕާޓީގެ ސަފުތައް ބައިބައި ނުކުރެވޭނެ ކަމަށާއި ކުރިއަށްދާނީ އެކުވެރިކަމާއެކު ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެން ތިބީ މާޔޫސްވެފައި ކަމަށް ހީނުކުރާތި. އަޅުގަނޑުމެން މާޔޫސްއެއް ނުވޭ. މާޔޫސް ވާކަށް ނުވެސްޖެހޭ. ދެންމެ އަޅުގަނޑުމެންގެ ލީޑަރުންގެ ގޮތުގައި އެ ތިއްބެވި ބޭފުޅުން ވަރަށް ސާބިތުކަމާއެކު ވިދާޅުވެއްޖެ. އަޅުގަނޑުމެންގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ބޭފުޅާއަކީ ކެޔޮޅެއް. ތަންދޮރުދަންނަ، އަނެއްހެން ބުނާނަމަ ކަނޑުފަރު ދަންނަ ކެޔޮޅެއް،" އައްސަދު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތާއީދު ބޮޑު ލީޑަރު ކަމަށެވެ.

ފަލާހު ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ އަޑުއްތައް އިވެމުންދާ ކަމަށާއި އެމަނިކުފާނަކީ އެއްވެސް ކުށެއް ނުކޮށް ރާއްޖެއަށް އެންމެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ރައީސް ކަމަށެވެ. އަދި އެމަނިކުފާނު ޖަލަށްލައިފިނަމަ އެމްޑީޕީން ވި އެންމެ ބޮޑު ވައުދާ އެ ޚިލާފުވެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ޖަލަށް ގެންދާކަމަށްވަންޏާ އިދިކޮޅު ފަރާތްތަކަށް ބުނެލަން އޮތީ އެންމެ ފުރަތަމަވެސް 9600 މީހުން ލެވޭވަރުގެ ޖަލެއް ތިބޭފުޅުން އަޅާށޭ. އަޅުގަނޑުމެންނަށް މިހާރުވެސް މިނިވަންކަން މިގައުމުން ނެތިދާކަމުގެ އިހުސާސް މިވީ ތިން ދުވަސްތެރޭ ކުރެވިއްޖެ،" ފަލާހު ވިދާޅުވިއެވެ.

ރާއްޖެއަށް ޚިދުމަތްކުރުމުގެ ފުރުސަތު އަދިވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ކެތްތެރިކަމާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވުމަށް އަތޮޅުތަކުގެ ރައްޔިތުންގެ ކިބައިން އެދޭކަމަށް ފަލާހު ވިދާޅުވިއެވެ.

"ރައީސް ޔާމީން ހުންނެވީ އަޅުގަނޑުމެން ގޮވައިގެން ވަރަށް ސާބިތުކަމާއެކު ކުރިއަށްދާން،" ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ އެއްވެސް މަޖިލީސް މެމްބަރަކު އާ ސަރުކާރާ ނުގުޅޭނެ ކަމަށާއި ގުޅެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެމަނިކުފާނާ އެކު ސަޕޯޓަރުން ތިއްބެވުމަށް ކަމަށެވެ.