އާޒިމާ ޝުކޫރު

އެމްއެމްޕީއާރްސީ މައްސަލައިގައި އާޒިމާއަށް ދެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުކަމެއް ނުކުރެވޭނެ

2

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުކަން އާއިޝަތު އާޒިމާ ޝަކޫރަށް ނުކުރެވޭނެ ގޮތް މެދުވެރިވެއްޖެ އެވެ.

އެމްްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ރައީސް ޔާމީން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރި އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނެވީ އާޒިމާ ޝަކޫރެވެ. އޭގެ ދުވަސްކޮޅެއް ފަހުން ފުލުހުން ވަނީ އާޒިމާ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އާޒިމާ ފުލުހަށް ހާޒިރު ކުރީ ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަނީ ލޯންޑަރިންނަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އާޒިމާއަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުކަން ނުކުރެއްވޭނެ ހާލަތެއް މެދުވެރި މިވީ، ޚުދު އޭނާގެ މައްޗަށް ވެސް އެމްއެމްޕީއާރްސީގެ މައްސަލައިގެ ތުހުމަތު ކުރާތީ އެވެ. އެ ގޮތުން އެއް މައްސަލައެއްގައި ތުހުމަތު ކުރެވޭ ދެ ފަރާތަކަށް އެކަކު އަނެކެއްގެ ގާނޫނީ ވަކީލުކަަމެއް ނުކުރެވޭނެ އެވެ. އަދި ފުލުހުން ވެސް އެކަން އެގޮތަށް ބަލައެއް ނުގަނެ އެވެ.

މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން"އިން އާޒިމާއަށް މިއަދު ސުވާލު ދެންނެވުމުން އާޒިމާ ވެސް ވަނީ އެކަން ޔަގީންކޮށްދެއްވައިފަ އެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުކަން ދެން ނުކުރެވޭނެ ކަމަށް ފުލުހުން އަޅުގަނޑު ކައިރީ ބުނި." އާޒިމާ ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟