ހުކުރު ޚުތުބާ

މުދަލު ޒަކާތަށް އިހުމާލުވުމަކީ ދުނިޔެ އާއި އާހިރަތުގައި ތިބާގެ ހަލާކުކަމުގައި ވެދާނެ: ހުތުބާ

މުދަލު ޒަކާތަށް އިހުމާލުވުމަކީ ދުނިޔެ އާއި އާހިރަތުގައި ތިބާގެ ހަލާކުކަމުގައި ވެދާނެ ކަމަށާއި އެއީ މުދަލުގެ ބަރަކާތް ނެތި، އެ މުދަލަކީ ވަބާއެއް ކަމުގައި ވެދާނެ ވެސް ކަމެއް ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފި އެވެ.

"ޒަކާތުގެ މުހިންމުކަމާއި އޭގެ މަތިވެރިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް ޖެހިފައިވާ އެއްޗެއް ކަމަށާއި ނަމަވެސް މުދަލަށް ލޯބި ކުރުމުގައި މުހިންމު ދެ ކަމެއްގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކީ މުދަލަކީ ﷲގެ މިލްކެއް ކަމާއި އެކަލާނގެ އިންސާނުންނާ މުދާ ހަވާލުކުރައްވާފައިވަނީ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށްޓާކައި އަމާނާތެއްގެ ގޮތުގައިކަން ގަބޫލުކުރުމެވެ. ދެވަނަ ކަމަކީ މުދާ ހޭދަކުރަން ޖެހޭނީ ވެސް އެކަލާނގެ ބަޔާންކުރައްވާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރޭގައިކަން ދެނެގަތުމެވެ.

ހުތުބާގައި ބުނީ، އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ކޮންމެ ރުކުނަކީ އެއާމެދު ހާއްސަ ސަމާލުކަމެއް ދީ، ފަތުރާވެރިކަމާއެކު އަދާކުރަންޖެހޭ ރުކުނެއް ކަމަށާއި ނަމަވެސް އެ ރުކުންތަކުގެ ތެރެއިން ޒަކާތަކީ އެ އަޅުކަން އަދާކުރުމުގައި ބައެއް މުސްލިމުން ފަރުވާކުޑަކުރަމުންދާ ނުވަތަ ފަސްޖެހޭ އަޅުކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ، ޒަކާތް ގުޅިފައިވަނީ ނަފްސުތައް އެ އެއްޗެއްގެ މައްޗަށް ނުހަނު ލޯބިޖެހިފައިވާ މުދަލާ ކަމަށާއި ނަމަވެސް މުދަލަކީ ޒީނަތެއްގެ އިތުރުން ބައެއް ފަހަރު ނުރައްކާތެރި ފިތުނައެއް ކަމަށެވެ. އަދި އެއީ ހެޔޮގޮތުގައި އޭގެ ބޭނުން ހިފައި، ޒަކާތް ނެރެ، ސަދަގާތް ދީ އުޅޭނަމަ ސުވަރުގެ ވަނުމަށް އޮތް ސަބަބެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން ޒަކާތަކީ މުދަލަށް ތާހިރުކަމާއި އިތުރުވުން ގެނުވައިދޭ އަޅުކަމެއް ކަމަށާއި އުނިކަމާއި ފަސާދައިން މުދާ ރައްކާތެރިކޮށް، ސަލާމަތްކޮށްދޭ އަމަލެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި ތަނަވަސްކަން ލިބިފައިވާ މީހުންގެ މުދަލުގައި އޭގެ ހައްގުވެރިންނަށްޓަކައި ﷲ ލެއްވެވީ ނުހަނު ކުޑަކުޑަ މިންވަރެއް ކަމަށާއި އެ މިންވަރާމެދު ދަހިވެތިކަން ފާޅުނުކުރުމަށް ހުތުބާގައި ގޮވާލި އެވެ.