އަހްމަދު އަދީބު އަބްދުލްގަފޫރު

"ޑޮކްޓަރުގެ ލަފަޔާ ދެކޮޅަށް ޖަލަށް ގެންގޮސްގެން އަދީބަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކު؟"

މަރިޔަމް ޝަހުދާ

2

ޑޮކްޓަރުގެ ލަފަޔާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލަށް ބަދަލުކޮށްގެން އަދީބުގެ ސިއްހަތަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނެ ފަރާތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔާމީން ރަޝީދު ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރަށް އަމާޒުކޮށް ޔާމީން މި ސުވާލުކޮށްފައިވަނީ މިރޭ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި ހޯމް މިނިސްޓްރީއަށާއި ކަރެކްޝަންސްއަށް ވަނީ ބޮޑު އޮޅުމެއް އަރައިފައެވެ. އަދި މިނިސްޓަރު އިމްރާން ބަލާ ލިޔުންތަކަކީ އައުޓްޑޭޓެޑް ލިޔުންތަކެއް ކަމަށާއި، އަދީބުގެ އޮޕަރޭޝަނަށް ފަހު ޑޮކްޓަރުގެ ލަފާގެ މަތިން އަދީބު ގޭބަންދުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ 27 ޖެނުއަރީގެ ނިޔަލަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވަނީ އަދީބު އަނބުރާ ޖަލަށް ގެންދިއުމުގެ ކުރިން އަދީބުގެ ބެލެނިވެރި ފަރާތަކަށް ނުވަތަ އަދީބުގެ އާއިލާއަށް ކަރެކްޝަންސްއިން އެކަން އަންގާފައި ނުވާކަން ހާމަކޮށް އެކަން ކުށްވެރިކޮށްފައެވެ. ޔާމީން ވިދާޅުވި ގޮތުގައި ކުރިން ނޯޓިސްއެއް ދިނުމެއް ނެތި އަދީބު ކުއްލިގޮތަކަށް އަނބުރާ ޖަލަށް ގެންދިއުމުގެ ސަބަބުން އަދީބަށް ދޭންޖެހޭ ބޭސް ފޯރުކޮށްދިނުން ލަސްވެ، ބޭސް ފޮނުވޭގޮތްވީ އެއް ދުވަސް ފަހުންނެވެ. މިއީ ވަރަށް ޒިންމާދާރު ކުޑަ ކަމެއްގެ ގޮތުގައި ޔާމިން ވަނީ ފާހަގަކުރައްވައިފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީޑީގެ ވައިސް ޕްރެޒިޑެންޓް ސާއިފް ވާހަކަ ދައްކަމުން ވަނީ އަދީބަށް "ފެޔާ އެންޑް ފްރީ ޓްރައެލް" އެއް ހޯދާ ދިނުމަށް ގޮވާލައްވައިފައެވެ. ސާއިފްގެ ވާހަކައިގައި ވަނީ ސަރުކާރުގެ ކޯލިޝަން ލީޑަރުންނަށް ހުކުމް ކުރެވުނު މައްސަލަތައް އަލުން ރިވިއު ކުރުމަށްފަހު އެ ލީޑަރުން ދޫކޮށްލާފައިވާއިރު އަދީބުގެ މައްސަލަ ބެލިފައިނުވާކަން ފާހަގަކުރައްވައިފައެވެ.

ޓެރަރިޒަމް އާއި ހިޔާނާތާއެކު 33 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންގެންދާ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ގޭބަންދަށް ބަދަލު ކޮށްފައިވަނީ ސިއްހީ ހާލުކޮޅު ގޯސްވެ އެމަޖެންސީގައި ކުރެވުނު އޮޕަރޭޝަނަކާ ގުޅިގެންނެވެ. އެމަޖެންސީގައި އަދީބު އައިޖީއެމްއެޗަށް ގެނެސް ކިޑްނީގައި ހުރި ހިލައެއް މުގުރާލުމަށް އޮޕަރޭޝަނެއް ކުރުމަށް ފަހު އަދީބު ގޭ ބަންދަށް ބަދަލުކުރީ އައިޖީއެމްއެޗުގައި ބޭއްވުމަށްފަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟