މުހައްމަދު އައުޒަމް
"ހިޔާ" މަޝްރޫއުގެ ދަށުން މި ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ފްލެޓްތަކަށް ފޯމު ހުށަހެޅުމަށް އެތައް ބަޔަކު ކިޔޫގައި ޖެހިއްޖެއެވެ.
މިއަދަކީ ހިޔާ ފޯމު ހުށަހެޅޭނެ އެންމެ ފަހު ދުވަސް ކަމުން، މިއަދު ހެނދުނުން ފެށިގެން ފޯމު ހުށަހެޅުމަށް ކިޔޫގައި ވަނީ ޖެހިފައެވެ. މީގެ ކުރިން ފޯމު ދޫކުރަން ފެށި ދުވަހުވެސް އެތައް ބަޔަކު ކިޔޫގައި ޖެހިގެން ފޯމު ނަގާފައިވެއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން 1000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. ސަރުކާރުން މީގެ ކުރިން ބުނީ، 18000 ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ރިޔާސީ ކެމްޕޭންގެ ތެރޭގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި، ފޯމު ލާ އެންމެންނަށް ވެސް ފޯމު ދޫކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ވާދަކޮށް ރައީސް ޔާމީނަށް ވަނީ ނާކާޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.
ހައުސިން މިނިސްޓްރީގެ ބަހެއް ލިބިފައިނުވާތީ، ފޯމު ހުށަހެޅޭ މުއްދަތު އިތުރުކުރުމަށް ނިންމާނެ ކަމެއް އަދި ނޭނގެއެވެ.