އިސްލާހުވާން ބޭނުންވާ މީހާ މާޔޫސްވާކަށް ނުޖެހޭ ކަމަށާއި އިސްލާހުވާން ބޭނުންވާ މީހަކަށް އަދިވެސް ފުރުސަތު އޮތް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިވަނީ ކުރިއަރާފައި ކަމަށާއި ސްމާޓް ފޯނުތަކުގެ ޒަރީއާއިން ވެސް ކީރިތި ގުރުއާން ކިޔެވޭނެ ގޮތާއި ގުރުއާނުގެ ދިވެހި ތަރުޖަމާ ކިޔޭނެ ގޮތް ފަހިވެފައި އެބަހުރި ކަމަށެވެ. ނަމަވެސް ގިނަ މީހުންނަށް މިއަދު ވަގުތެއް ނެތް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
"ދުނިޔަވީ ކަންކަމުގައި މަސްއޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު ކުޑަވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ނަމަވެސް ދަންނަވަންތޯއެވެ! އިސްލާހުވާން ބޭނުންވާ މީހާ މާޔޫސްވާކަށް ނުޖެހެއެވެ. މިއަދު މި ވަގުތުން ވެސް އިސްލާހުވާން ބޭނުން މީހަކަށް ފުރުސަތު އެބައޮތެވެ. ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ އަޒުމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ މާތްﷲގެ ތަނަވަސް ރަހުމަތު މިކުޑަކުޑަ ރާއްޖެއަށް ވަނީ މީގެ އަށްސަތޭކަ އަހަރު ކުރިން އިސްލާމުކަމުގެ ނިއުމަތް ލިބިގެން ގޮސްފައި ކަމަށާއި ދުނިޔޭގައި އިސްލާމްކަމުގެ ނިއުމަތް ނުލިބި ތިބި އެތައް އެތައް މިލިއަން މީހުންގެ ތެރެއިން މި މަތިވެރި ނިއުމަތް ދެއްވިކަން މައްޗަށް ތާއަބަދު ޝުކުރުކުރަން ޖެހޭ ކަމަށެވެ.
"ކަން މިހެން އޮތްއިރު މިބޮޑު ނިއުމަތަށް ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް އައިނިއްޔަ ފަރުޟެކެވެ. މި ދީނުގައި ހިފަހައްޓައި، މިދީން މަތީގައި ސާބިތުވެ، މި ދީން ދިފާއު ކުރުމަށްޓަކައި އަތުކުރި އޮޅާލައި މަސައްކަތްކުރުމީ ކަނޑައެޅިގެން ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.