ގެސްޓްހައުސް

ގެސްޓްހައުސް ގައިޑްލައިން: މާލެއިން ދާ މީހުންނަށް ގެސްޓްހައުސްތަކުގައި ނުތިބެވޭނެ

މުހައްމަދު ސިމާއު

ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު މާލެއިން ދާ މީހުންނަށް ގެސްޓްހައުސްތަކުގައި އަދި ނުތިބެވޭނެ ކަމަށް ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.

ގެސްޓްހައުސްތައް ހުޅުވަން މަހަކަށްވުރެ ކުޑަތަން ވެފައިވާއިރު ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާއި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށް، ގެސްޓްހައުސްތަކަށް ވަނީ ފޮނުވައިފަ އެވެ.

"ވަން" އަށް ކޮޕީއެއް ލިބިފައިވާ އެ ގައިޑްލައިންގައި ރަށު ފެންވަރުގައާއި ގެސްޓްހައުސް ފެންވަރުގައި ވެސް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ބުނެފައިވެ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިން ވެސް ގެސްޓް ހައުސް ހިންގާ ރަށަކަށް ގޮސް، ގެސްޓް ހައުސްއެއްގައި މަޑުކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މިހާރު އުސޫލު އޮންނަ ގޮތަށް މާލެއިން ރަށަކަށް ދާނަމަ އެމީހަކު ކަރަންޓީނު ވެ ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ. ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނެތް ރަށަކަށް ދާނަމަ އެމީހަކު ވެސް ކަރަންޓީނު ވެ ޓެސްޓު ހަދަން ޖެހޭނެ އެވެ. ނަމަވެސް ގެސްޓް ހައުސް ރަށަކުން އެހެން ގެސްޓް ހައުސް ރަށަކަށް ދަތުރުކުރާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

ގައިޑްލައިންގައި ބުނީ، މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ގެސްޓް ހައުސް ހިންގާ ރަށަކަށް ދަތުރު ކުރާނަމަ އެރަށެއްގެ ގެސްޓްހައުސްއެއްގައި ބިދޭސީއަކަށް ވެސް އަދި ދިވެއްސަކަށް ވެސް ހުރެވިދާނެ ކަމަށެވެ. ނަމަވެސް ގެސްޓްހައުސްއެއްގައި މަޑުކުރާނަމަ ރަށުގެ އެހެން ގެތަކަށް ވަނުމަކީ މަނާކަމެކެވެ. އަދި ގެސްޓް ހައުސްއެއްގައި މަޑުކުރުމަށްފަހު އެހެން ރަށަކަށްދާނަމަ އެ ރަށަކަށް ގޮސް ކަރަންޓީނު ވެ، ޓެސްޓު ކުރަންޖެހޭނެ އެވެ.