ޝަހީދާ އަބްދުﷲ ސައީދު
މިސަރުކާރަކީ އެއްބަޔަކަށް ރަނގަޅުވެފައި އަނެއް ބަޔަކާ މެދު ގޯސްކޮށް އަމަލުކުރާ ސަރުކާރަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ބުނެފިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުމަށް އިއްޔެ ޖަލަށް ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް، އަދީބު ނިސްބަތްވާ އެމްޓީޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުން ދީފައިވާ ލިޔުންތަކާ ޚިލާފަށް ކަމަށެވެ.
ޔާމީން ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު ހަމަނުވާ ކަމަށާއި އެކަމާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލިޔުންތަކުގައި ހުރި މައުލޫމާތުތައް ހޯމް މިނިސްޓްރީން އޮޅުވާލާފައިވާ ކަމަށެވެ.
އަދި ރައްޔިތުން މިސަރުކާރު ގެނައީ ހަމަހަމަކަން ގާއިމުކުރުމަށް ކަމަށާއި މިސަރުކާރަކީ އެއްވެސް ރައްޔިތަކާ މެދު ތަފާތު ކުރުމެއްނެތި ކަންކަން ކުރާ ސަރުކާރަކަށް ވާންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
''ހޯމް މިނިސްޓްރީން އެއޮތީ ޑޮކްޓަރު ދިން ޑޮކިއުމެންޓްތައް ވަރަށް ރަނގަޅަށް އޮޅުވާލާފައި. ރައްޔިތުންނަށް ތެދު މައުލޫމާތު ހާމަކުރުމަށް ގޮވާލަން. މިއުޅެނީ ރައްޔިތަކަށް ދެރަ ކަމެއް ދިމާވެގެން. މިއުޅެނީ ރައްޔިތަކަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތިގެން. މިއުޅެނީ ޑޮކްޓަރުންގެ އިރުޝާދަށް އަމަލުނުކޮށްގެން،'' ޔާމީން ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ މިސަރުކާރުން އެކި މައްސަލަތައް މިހާރު ބަލަމުންދާ ކަމަށެވެ. އެގޮތުން ކުރިން ނުފުރޮޅާ ގާތައް މިހާރު ފުރޮޅަމުންދާ މަންޒަރު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އަދީބުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމަށް ވިދާޅުވެ އަދީބު ވަގުތުން ގެއަށް ބަދަލުކުރުމަށް ވެސް ޔާމީން ގޮވާލެއްވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި އަދީބު ގޭގައި އާއިލާއާއެކު ހޭދަކުރުމަށް ޑޮކްޓަރުން ދީފައިވާ މުއްދަތުގައި ގޭގައި ގިޓާކުޅުމަކީ މައްސަލައެއް ނޫނެވެ. އެކަމާ ބަޔަކު ކަންބޮޑުވި ނަމަވެސް އަދީބު އެކަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދީބު ޖަލަށް ބަދަލުކުރުމުން ޕާޓީގެ މަސައްކަތްތައް ހުއްޓިގެން ނުދާނެ ކަމަށާއި ރެއާއި މިއަދުވެސް ޕާޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އަދި ޕާޓީގެ މެންބަރުންގެ މެދުގައި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި ޔާމީން ވަނީ އަދީބުގެ ބޭސްފަރުވާއަށް އަނބުރާ ގެއަށް ބަދަލުކުރުމަށް ސަރުކާރަށާއި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲއަށް ގޮވައިލައްވާފައެވެ.
އެމްޓީޑީގެ ފަރާތުން ޔާމީން ރަޝީދު މިހެން ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް އަނބުރާ ޖަލަށް ބަދަލުކުރީ އަދީބު ގޭގައި ހުރުމަށް ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން ކަމަށެވެ. އަދީބު އަނބުރާ ޖަލަށް ބަދަލުކުރީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.