މިމަހު 12އިން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 13 ގޯޅިއެއް ބަންދުކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.
އެ ގޯޅިތައް ދުއްވާ އެއްޗިއްސަށް ނުވަދެވޭގޮތަށް ބަންދުކުރަނީ އާއިލާ ތަކަށް އެކީގައި ވަގުތުހޭދަކުރުމުގެ ފުރުސަތުދީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. މި މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ހައުސިންގް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ޕްރެސްގައި ވާހަކަ ދައްކަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ 12 ޖެނުއަރީ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ހެނދުނު 6:30 އިނ 10:30 އަށް މާލޭގެ 13 ގޯޅިއެއް އާންމުންނަށް ބޭނުންކުރެވޭނެހެން ބަންދު ކުރާނެއެވެ.
މީގެ އިތުރުން ވެހިކަލް ތަކަށް ބަންދުކުރާ މި 13 ގޯޅީގައި އެ ވަގުތުތަކުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ އުސޫލެއް އެކުލަވާލައި ކުރިއަށް އޮތް ދެ ހަފުތާތެރޭ ގެޒެޓް ކުރެވޭނެކަމަށް ވެސް ޝާމިން ވިދާޅުވިއެވެ. މީގެ އިތުރުން މިކަންކަން އަމަލީ ގޮތުން ތަންފީޒު ކުރާނީ ފުލުހުން ކަމަށް ވެސް ޝާމިން ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓްރީން ބަންދުކުރުމަށް ހަމަޖެހިފާއިވާ މަގު ތަކަކީ؛
- ހެންވޭރު ދޭލިޔާ ހިނގުން
- ހެންވޭރު މޫނިމާ ހިނގުން
- ގަލޮޅު ސިޓީޕާކުގެ ދެކުނަށް އޮންނަ ގޯޅި
- ގަލޮޅު ޑެއިޒީ މަގު
- މައްޗަންގޯޅި ދެވިނަ މަގު
- މައްޗަންގޯޅި ވައިދެރި ހިނގުން
- މާފަންނު ބެންތެޔޮ ގޯޅި
- މާފަންނު އަސުރުމާގޯޅި، ފަނޑިޔާރު މަގު
- މާފަންނު ކާނޭޝަން މަގު، ކުޅިދޮށު މަގު
- މާފަންނު ހިލާލީ މަގު، އަދި
- މަޖީދީމަގުގެ ސޯޝަލް ސެންޓަރ ސަރަހައްދަށް ވީފަޅި އެވެ.
މިކަމާގުޅޭ ގޮތުން ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ ބަންދުކުރެވޭ މަގުތައް ފުލުހުން މޮނީޓަރ ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިނިސްޓްރީން ގެޒެޓް ކުރާ އުސޫލާ އެއްގޮތަށް އެންމެންވެސް އަމަލު ކުރުމަށް ނަޝްވާ އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ނަޝްވާ ވަނީ މަގުތައް ބަންދު ކުރުމަށް ފުލުހުން ކޯން ޖަހާނެ ކަމަށާއި ކޯނުތައް ކައިރީ އެއްވެސް ވެހިކަލެއް ޕާކުނުކުރުމަށް އެދިފައެވެ. އަދި މަގު ހުޅުވާގަޑީގައި ކޯންތައް ކައިރީ ހުންނަ ވެހިކަލްތައް އެތަނުން ދުރުކުރާނެ ކަމަށާއި، ނުވަތަ ޓޯކުރާނެ ކަމަށް ވެސް ނަޝްވާ ވިދާޅުވިއެވެ.