ބޮލީވުޑް

އޮފީސް ހަލާކު ކޮށްލުމުން ބަދަލުގެ ގޮތުގައި 2 ކްރޯޑު ހޯދަން ކަންގަނާ އެދިއްޖެ

އީމާ މުހައްމަދު ވަހީދު

މުމްބާއީގައި ހުންނަ މަޝްހޫރު ބަތަލާ ކަންގަނާ ރަނޯއަތުގެ އޮފީސް ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން އެއްކޮށް ތަޅައި ސުންނާފަތި ކޮށްލާފައި ވާތީ ބަދަލުގެ ގޮތުގައި 2 ކްރޯޑް އިންޑިއަން ރުފީސް ހޯދަން އޭނާ އެދިއްޖެ އެވެ.

ބީއެމްސީ އިން އެއްކޮށް ތަޅައި ސުންނާފަތި ކޮށްފައިވާ އޭނާގެ އޮފީހުގައި ކުރިއެކޭ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަންގަނާ ވަނީ ނިންމައިފައެވެ. ކަންގަނާ ބުނީ އެ ހާލުގައި އޮފީސް ހުއްޓައި އެތާ މަސައްކަތް ކުރިއަށް ގެންދިއުމުން ނާއިންސާފާ ދެކޮޅަށް އަޑު އުފުލި އަންހެނަކަށް ޖެއްސި ހާލު މުޅި ދުނިޔެއަށް ފެނިގެން ދާނެ ކަމަށެވެ.

ބީއެމްސީން އޭނާގެ އޮފީސް ތަޅާލުމާ ގުޅިގެން ކަންގަނާ ވަނީ މަހާރަސްތުރާގެ ގަވަރުނަރު ބަގަތު ސިންގު ކޮޝްޔާރީ އާ ވެސް ބައްދަލުކޮށްފައެވެ. އޮފީސް ހަލާކު ކޮށްލުމުން ބަދަލުގެ ގޮތުގައި 2 ކްރޯޑް ރުޕީސް ހޯދުމަށް އެދި އެ ކަމާ ގުޅުން ހުރި އިދާރާތަކަށް ކަންގަނާ މިހާރު ވަނީ ސިޓީވެސް ފޮނުވާފައި ކަމަށް ރޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ބޮމްބޭ ހައި ކޯޓަށް ކަންގަނާ ހުށަހެޅި ޕެޓިޝަނެއްގައި ވަނީ އޭނާގެ މުމްބާއީގައި ހުންނަ އޮފީސް ބީއެމްސީ އިން ތަޅާލީ ގަވައިދާއި ހިލާފަށް ކަމަށްވެސް ބުނެފައެވެ.