މުހައްމަދު އައުޒަމް
އެޕަލް "ޓައިމް ފްލައިސް"ގައި އާ އައިޕެޑް 8 އަދި އައިޕެޑް އެއާ ވަރުގަދަ ޗިޕަކާއެކު ތައާރަފު ކޮށްފިއެވެ.
އެޕަލް އިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ތައާރަފުކުރި އެންމެ ފަހުގެ އައިޕެޑްގައި އޭ 12 ބަޔޯނިކް ޗިޕެއް ހިމެނޭއިރު މިއީ މިހާ ބާރުގަދަ ޗިޕެއް އެޕަލްގެ އައިޕެޑެއްގައި ހިމެނި ފުރަތަމަ ފަހަރެވެ.
އެޕަލްގެ އާ އައިޕެޑް8 ތައާރަފު ކުރަމުން އެކުންފުނީގެ މާކެޓިންގެ ނައިބު ރައީސް ގްރެގް ޖޮސްވިއަކް ވަނީ އައިޕެޑްގެ ހާއްސަކަމާއި އޭގައި ހިމެނޭ ފީޗާތައް ދައްކައިލައިފައެވެ.
އެޕަލްގެ އާ އައިޕެޑް8 ގައި 10.2 އިންޗީގެ ރެޓީނާ ޑިސްޕްލޭއެއް ހިމެނެއެވެ. މީގެ އިތުރުން އެންމެ ފަހުގެ އެޑްވާންސް ކެމެރާއެއްގެ އިތުރުން ވަރުގަދަ ބެޓަރިއެއް ވެސް ހިމެނޭކަމަށް އެޕަލް އިން ބުންޏެވެ.
މިފަހަރުގެ އައިޕެޑްގައި ހިމެނޭ އެންމެ ފާހަގަ ކޮށްލެވޭ ކަަމަކީ އޭގައި އެކުލެވޭ ބަޔޯނިކް ޗިޕެވެ. އެޗިޕްގެ ސަބަބުން އައިޕެޑް 40 އިންސައްތަ ފާސްޓް ވެފައި ގްރެފިކްސްގެ ފުރިހަމަކަން ދެގުނައަށް ފާހަގަކުރެވޭނެކަމަށް އެޕަލް އިން ބުނެފައި ވެއެވެ. އެޕަލް އިން ބުނީ މީގެ ސަބަބުން އެންމެ ފަހުގެ ވިންޑޯސް ލެޕްޓޮޕްތަކަށް ވުރެވެސް މި އައިޕެޑް ދެގުނަ ފާސްޓު ވާނެކަން ފާހަގަކޮށްފައެވެ.
ބަޔޯނިކް ޗިޕްގެ އިތުރުން އައިޕެޑް8ގައި އައިޕެޑް އޯއެސްގެ އިތުރުން އެޕަލް ޕެންސިލްވެސް ހިމެނެއެވެ. މީއީ ކުރަހާ މީހުންނާއި ނޯޓްކުރުމުގެ އިތުރުން ޑިޒައިން ކުރުމަށްވެސް ފަސޭހަވާނެ ކަމެއް ކަމަށް އެޕަލް އިން ފާހަގަކޮށްފައި ވެއެވެ.
އައިޕެޑް އެއާގައި އެޕަލް އިން ވަނީ 10.9 އިންޗީގެ ލިކުއިޑް ރެޓީނާ ޑިސްޕްލޭއެއްގެ އިތުރުން ކެމެރާ އަދި އޯޑިއޯއަށް ވެސް ބޮޑު ކުރިއެރުމެއް ގެނެސްފައެވެ.
އެޕަލްގެ އައިޕެޑް އެއާގައި މިފަހަރު އޭ14 ބަޔޯނިކް ޗިޕެއް ހިމެނޭނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. އެޕަލް އިން ބުނީ މިއީ މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ އައިޕެޑް އެއާ ކަމަށެވެ. އަންނަ މަހު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އައިޕެޑް އެއާ ގެ ތަފާތު ކުލަތަކެއްވެސް އެޕަލް އިން ވަނީ ދައްކައިލައިފައެވެ.
އެޕަލް އެއާ މިފަހަރު ތައާރަފު ކޮށްފައި ވަނީ އަޅި ކުލަ، ސްޕޭސް ގްރޭ، ރޯސް ގޯލްޑް، ފެހި އަދި ސްކައި ބްލޫގެ ރީތި ކުލަތަކުންނެވެ.
އެޕަލް އިން ވަނީ އައިޕެޑްއޯއެސް14 މިއަދުން ފެށިގެން އެޕަލްގެ އައިޕެޑްތަކަށް އަޕްގްރޭޑް ކުރެވޭނެ ކަމަށްވެސް ބުނެފައެވެ.
އެޕަލްގެ އެންމެ ފަހުގެ އައިޕެޑް8 ޕްރީ އޯޑަރު ޖެހުމަށް މިހާރު އެޕަލްގެ ވެބްސައިޓުގައި ވަނީ ހުޅުވާލައިފައެވެ. މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެކަމަށް ވެސް އެޕަލް އިން ބުނެފައި ވެއެވެ.